English Edition
Dhivehi Edition
17 ޑިސެންބަރު 2020: ހދ. ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުމުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަން އެމްއެންޑީއެފުން އެންމެ ފުރަތަމަ ކުރި އިއުލާނުގައި ވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ވަޒީފާ އަށް ވަންނަން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް އެދިފައެވެ. ނަމަވެސް އެ ތާރީހު ބަދަލު ކޮށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފަހު ތާރީހު އަންނަ މަހުގެ 31 ދުވަހަށް ބަދަލުކޮށްފައިވަނިކޮށް، މިއަދުވަނީ ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފައެވެ މި ގޮތުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ވަޒީފާ އަށް ކުރިމަތިލުމުގެ މުއްދަތު ފެބްރުއަރީ ހަތަރަކާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ހިމެނެ އެވެ. އަދި ވަޒީފާއަށް ކުރިމަތިލާ މީހާ އަކީ އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން ހިމެނެއެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން [email protected] މެއިލް ކުރުމަށް ވަނީ އެދިފަ އެވެ.