އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީހަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ ޖެޓް ހޭންޑްލް ކުރާ އަހަރަށް މި އަހަރުވެގެންދާނެކަމަށް އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު ގައިސް ނަސީރު ވިދާޅުވެއްޖެއެވެ،
އައްޑޫ 02 ރިސޯޓު ބަންދުކޮށްފައިވާއިރު މި ވަގުތު އައްޑޫގައި ހިންގަމުންދާ ސައުތު ޕާމް ރިސޯޓާއި، ގެސްޓް ހައުސްތަކުގައިވެސް ފަތުރުވެރިން ތިބި އިރު، ހައި ސީޒަނުގައި އުއްމީދުކުރި ވަރަށްވުރެ އަންނަ މީހުންގެ އަދަދު އިތުރުވެފައިވާކަމަށް ގައިސް ވަނީ ވިދާޅުވެފައެވެ. މާލެ ސަރަހައްދަށް އަންނަ ބައެއް ޖެޓުތަކާއި ހުވަދޫ އަތޮޅުގެ މަތީފަންތީގެ ރިސޯޓުތަކަށް އަންނަ މަހުޖަނުންގެ ޖެޓުތައް ޕާކު ކުރަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންކުރަމުން އަންނައިރު މިހާރުވެސް 33 ޖެޓު އެ އެއާޕޯޓުގައި އެބައޮތެވެ.
އަންނަ އަހަރު ޖެނުއަރީ އެއްވަނަ ދުވަހު މި އަދަދު 40 އަށް އަރާނެކަމަށް ލަފާކޮށްފައިވާއިރު އައްޑޫ އެއާޕޯޓުގައި ޕްރައިވެޓް ކުދި ޖެޓުތަކުގެ އިތުރުން އޭ320، އަދި ބޮއިން 752 މަރުކާގެ ޕްރައިވެޓު ބޯޓުތައްވެސް ޕާކުކޮށްފައިވެއެވެ. އައްޑޫ އެއާޕޯޓުގައި އެއްފަހަރާ 25-30 ޖެޓު ޕާކު ކުރެވޭއިރު ޑިސެމްބަރު މަހު 100 އަށްވުރެ ގިނަ ޖެޓް އެ އެއާޕޯޓަށް ދާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.
ޖެނުއަރީ 15 އާ ހަމައަށް އެ އެއާޕޯޓަށްވެސް ވަރަށް ބާރުބޮޑުވާނެކަމަށް ލަފާކޮށްފައިވާއިރު އިންޓަނޭޝަނަލް އެއާޕޯޓުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު ޓޫރިޒަމް ސީޒަނުގައި، މި އަހަރުގެ ކުރިން އެންމެ ގިނަ އަދަދެއްގެ ޖެޓު އެ އެއާޕޯޓުން ހޭންޑްލް ކުރީ 2015 ވަނަ އަހަރު އެވެ. އެ އަހަރު އައްޑޫ އެއާޕޯޓުގައި 26 ޖެޓު އެއްފަހަރާ ޕާކުކުރި އިރު މި ޑިސެމްބަރު މަހު ކޮންމެ ދުވަހަކުވެސް ދެތިން ހަތަރު ޖެޓު އައިސްގޮސް ހަދާ ކަމަށް އެއާޕޯޓުންވަނީ ބުނެފައެވެ.
ކޮވިޑް19 ގެ ސަބަބުން މާލީ ހާލަތު ދަށްވެ އައްޑޫ ސިޓީގައި ހިންގާ ކެނަރީފް ރިސޯޓު ދެ އަހަރަށް ބަންދުކޮށްފައިވާއިރު އައްޑޫގައި ޝަންގްރިއްލާ ކުންފުނިން ހިންގާ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްވެސް ވަނީ މުއްދަތެއް ނެތް ގޮތަކަށް ބަންދުކޮށްފައެވެ. މި ކަމުގެ ސަބަބުން އައްޑޫގެ އިގްތިސާދަށް ބޮޑު އަސަރެއްކޮށްފައިވާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއަހަރު ވެގެންދާނީ އެ ސިޓީގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ބޮޑު ހީނަރުކަމެއް ލިބިގެން ދާނެ އަހަރަކަަށެވެ.