English Edition
Dhivehi Edition

ގދ. ތިނަދޫ ސަރަޙައްދީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ކުއްލިއަކަށް ނިންމައިގެން އައިސް ކުރެވުނު ކަމެއް ނޫންކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފް ވިދާޅުވެއްޖެއެވެ.

ސަނީފް މިހެން ވިދާޅުވެފައިވަނީ ގދ. ތިނަދޫ ސަރަޙައްދީ ބަނދަރު ތަރައްޤީކުރުމަށް ތިނަދޫ ކައުންސިލުން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.) އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް.) އާއި ބިން ހަވާލުކޮށް ސޮއި ކުރެވުނު ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި މިކަމަކީ ކުއްލިއަކަށް ނިމުނު ކަމެއް ނޫންކަން ތިނަދޫ އުތުރު ދާއިރާ މަޖްލިސް މެމްބަރު އަބްދުލް މުުޣުނީ ވެސް ހެކިވާނެ ކަމަށް ސަނީފް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ސަނީފް ވިދާޅުވީ ދިވެހި ތާރީޚަށް ބެލިކަމުގައި ވިއަސް, ހުވަދު އަތޮޅަކީ ވިޔަފާރިކޮށް އިޤްތިސާދީ ގޮތުން ބެލި ކަމުގައި ވެސް ތަނަވަސް އަތޮޅެއް ކަން ފެނިގެންދާނެ ކަމަށެވެ. ނަމަވެސް ވިޔަފާރީގެ ގޮތުގައި ކާބަފައިން ކުރެއްވި އެތައް ކަމެއް ނިމިދިޔައީ މަދު ސިކުންތު ކޮޅެއްގައި ކަމަށް ވިދާޅުވެ ތިނަދޫގެ ތާރީޚުގައި ހިނގައިދިޔަ ހާދިސާގެ ތަފްސީލަށް ދާން ބޭނުން ނުވާ ކަމަށް ސަނީފް ވަނީ ވިދާޅުވެފައެވެ.

މިހާރު މި އަތޮޅަށް ނިސްބަތްވާ އެންމެންވެސް ފޫގަޅައިގެން މަސައްކަތް ކުރަމުން މިދަނީ ތާރީޚުގައި ކާބަފައިން ބޭރު ޤައުމުތަކަށް ގޮސް ވިޔަފާރިކުރުމަށް މުދާ ގެނެސްގެން އެ ކުރި މަސައްކަތް އިއާދަ ކުރުމަށް ކަމަށާއި މި ގޮތަށް މަސައްކަތްކޮށް ދިވެހި ދައުލަތަށް އާމްދަނީ އިތުރުކޮށް މަންފާ ހޯދައިދޭނެ ކަމުގެ ޔަގީންކަން ސަނީފް ވަނީ ދެއްވާފައެވެ.

ސަރަޙައްދީ ބަނދަރެއް ޤާއިމުކުރުމަށް އެކި ފަހަރު މަތިން ސަރުކާރާއި މަޝްވަރާކުރެވުނު ކަމަށާއި، މިކަން ކުރުމަށް ކެނޑިނޭޅި ވާހަކަތަކެއް ދެކެވުނު ކަން ފާހަގަކޮށް ސަނީފް ވިދާޅުވީ މަޖްލިސް މެމްބަރުންނާއި އެކުު ބުރަ މަސައްކަތްތަކެއް ކުރެވި ދެކެވުނު ވާހަކަތަކުގެ ނަތީޖާ އަކަށްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ވެރިކަމާއި ހަވާލުވުމަށްފަހު ދެއްވި އުފާވެރި ހަބަރު ކަމަށެވެ. ރައީސްގެ ވައުދެއް ކަމުގައިވާ ތިނަދޫ ސަރަޙައްދީ ބަނދަރެއް ނިމި އެ ޕޯޓުން ހުވަދުއަތޮޅަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމުގައި ޔަޤީން ކުރައްވާ ކަމަށް ސަނީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅު ނިންމާލުމުގެ ސަނީފް ވިދާޅުވީ އުންމީދުގައި ކުލަޖެހި މަސައްކަތްތައް ކުރިއަށް ދަނީ އެތައް ބައެއްގެ ބުރަ މަސައްކަތްތަކުން ކަމަށާއި މި މަސައްކަތްތަކުގައި ބައިވެރިވި ހުރިހާ މިނިސްޓަރުންނާއި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނަށް ޝުކުރު އަދާކުރާ ކަމަށެވެ.