English Edition
Dhivehi Edition

ގދ. ތިނަދޫ ސަރަޙައްދީ ބަނދަރު ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރާނެ ކަމަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވެއްޖެއެވެ.

ތިނަދޫގައި ކުރިއަށްގެންދިއުމަށް ރޭވިފައިހުރި ބައެއް މަޝްރޫއުތަކުގެ މަޢުލޫމާތު ދެއްވަމުން މިދިޔަ ބުރާސްފަތި ދުވަހު އޭ.އޯ ނިއުސް އަށް ދެއްވި އިންޓަވިއު އެއްގައި އަމްޖަދު ވިދާޅުވެފައިވަނީ ގދ. ތިނަދޫ ސަރަހައްދީ ބަނދަރު ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް 22 ޑިސެންބަރު ވާ ހޯމަ ދުވަހުގެ ހަވީރު އެ ރަށުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބެއްލެވުމަށް ކަމާއިބެހޭ އިދާރާތަކުން މިއަހަރުގެ އޮކްޓޯބަރު މަހު ތިނަދޫއަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި ސަރަހައްދީ ބަނދަރު އެޅުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ މަޝްވަރާއާއެކު ތިނަދޫ ކައުންސިލުން ހަމަޖެއްސެވި ބިމުގެ ސާވޭ އެއް ހެދުމަށް ނޮވެންބަރު މަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް.)ގެ ޓީމެއް ވެސް ތިނަދޫގައި ޙަރަކާތްތެރިވެފައި ވެއެވެ.

ގދ.ތިނަދޫ ސަރަހައްދީ ބަނދަރު ގާއިމުކުރުމުގެ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދާއިރު މި މަޝްރޫޢުގެ ދަށުން ކަސްޓަމްސް، އިމިގްރޭޝަން އަދި އެމް.ޕީ.އެލް.ގެ ޚިދުމަތް މިއަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަން އަމްޖަދު ވިދާޅުވިއެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުން 12,581,750.00 ރުފިޔާ ޚަރަދުކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ސަރަޙައްދީ ތަރައްޤީ ގެނައުމުގެ ގޮތުން ހުވަދުއަތޮޅުގައި ފުރަތަމައަށް ކުރެވޭ މި މަސައްކަތުގެ ސަބަބުން މި ސަރަހައްދުގެ ރައްޔިތުން ވިޔަފާރީގެ ރޮގުންނާއި އެހެނިހެން ގޮތްގޮތުން ކުރިއަރައިގެން ދާނެ ކަމުގައި މިއަތޮޅުގެ ރައްޔިތުން ދެކެއެވެ.