English Edition
Dhivehi Edition

ގދ. ތިނަދޫ ކުނި ކޮށީގައި ނުވަތަ އެހެން ތަނެއްގައި ވެސް ކުނި އެންދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި މިވަގުތު ކުނި އަންދަމުން ގެންދަނީ ކުނި މެނޭޖް ނުކުރެވި މެހި ގިނަވުމާއި ގުޅިގެން އެ ނޫން ގޮތެއް ނެތިގެން ކަމަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދު ވިދާޅުވެއްޖެއެވެ.

ކުނި އެންދުމުގެ ސަބަބުން އާއްމުންނަށް ދުމުގެ އަސަރުކޮށް ލިބޭ ގެއްލުންތަކާއި ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބުނެ މި މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެކަމަށް އަމްޖަދު ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހު އޭއޯ ނިއުސް އަށް ދެއްވި އިންޓަވިއު އެއްގައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ލަފާ ދެއްވާފައިވާ ގޮތުގައި ކުނިކޮށި ކޮންމެ ސަރަހައްދަކަށް ބަދަލު ކުރިއަސް އެ ސަރަހައްދަށް މީހުން އާބާދުވުމާއި އެކު ކުނި އަންދާ ކޮންމެ ފަހަރަކު އެ މައްސަލަތައް ދިމާވާނެ ކަމަށް އަމްޖަދު ވިދާޅުވިއެވެ. އަދި ކުނިކޮށި އެހެން ސަރަހައްދަކަށް ބަދަލުކުރުމަކީ ހައްލެއް ނޫން ކަމަށާއި ހައްލަކީ ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުން ކަމަށް ވިދާޅުވެ، އެ މަސައްކަތް ކުރުމަށް މިހާރު ކައުންސިލާއި މިނިސްޓްރީ އާއި ދެމެދު ނޯވޭޝަން އެގްރިމެންޓްގައި ސޮއި ކޮށްފައި އަދި ކޮންޓްރެކްޓަރަށް 29 ނޮވެމްބަރ 2020 ގައި ބިން ހަވާލުކޮށްފައި ވާނެ ކަމަށް އަމްޖަދު ވަނީ ވިދާޅުވެފައެވެ.

ގދ. ތިނަދޫ ކުނިކޮށި ހެދުން – ފޭސް 2 މަޝްރޫއަށް ސަރުކާރުން 2021 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި 1,817,052 ދިވެހި ރުފިޔާ ވަނީ ހިމަނާފައެވެ. މި މަޝްރޫއު ނިމިގެންދާއިރު ޕްލާސްޓިކް ޝެޑާ އަދި ދަގަނޑު ފިއްތާ ލެވޭނެ ފަދަ މެޝިނަރީސްތައް ތިނަދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ބެހެއްޓޭނެ ކަމަށް އަމްޖަދު ވަނީ ވިދާޅުވެފައެވެ.

މެޝިނަރީސްތައް ބެހެއްޓުމަށްފަހު މިހާރު ތިނަދޫ ކުނިކޮށީގައި ޖަމާވެފައި ހުރި ކުނިތައް ތިލަފުއްޓަށް ގެންގޮސް ކުނިކޮށި އެއްކޮށް ސާފުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ބަޔަކާއި ހަވާލުކޮށްގެން ކޮށްދޭނެ ކަމުގެ ޔަޤީންކަން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސައިން ރަޝީދު ހަސަން ދެއްވާފައިވާ ކަމަށްވެސް އަމްޖަދު ފާހަގަކުރެއްވިއެވެ.

އޭގެ ފަހުން ގޭބިސީތަކުން ފެށިގެން ވަކި ކުރެވޭފަދަ ކުނި ވަކި ކޮށްގެން ވޭސްޓް މެނޭޖްމެންޓް ސެންޓަރާ ހަމައަށް ގެނައުމުން ކުނި މެނޭޖްކުރުމުގައި އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމަށް އަމްޖަދު ވިދާޅުވިއެވެ. އަދި އެ ގޮތަށް މެނޭޖް ކުރެވޭނެ އިންތިޒާމު ހަމަޖެހުމުން ރިސައިކަލް ކުރުމަށް ދަގަނޑާއި ޕްލާސްޓިކް ފަދަ ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ތަކެތި ވިއްކާ ވިޔަފާރި ކުރެވޭނެކަން އަމްޖަދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެންމެ ލަސްވެގެން އަންނަ ޖަނަވަރީ މަހު ކައުންސިލުގެ އަމިއްލަ ވެހިކަލްތައް ލިބޭނެ ކަމަށާއި އެހެން މުއައްސަސާއަކަށް ބަރޯސާ ނުވެ އަމިއްލައަށް ކުނި މެނޭޖް ކުރެވެން ފެއްޓުމުން މި މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އަމްޖަދު ވިދާޅުވިއެވެ.