English Edition
Dhivehi Edition

އުރަމަތީގެ ކެންސަރު ދެނެގަތުމަށް އަމިއްލައަށް އުރަމަތީގެ އެއްވެސް ކަމެއްހުރިތޯ ބަލާޓެސްޓު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ގޭގައި ހުރެގެން ވަރަށް ފަސޭހައިން ޗެކުކުރެވޭ ގޮތްތަކެއް ހުރެއެވެ. އެގޮތްތަކަކީ އުރަމަތި، އަދި މޭމަތި ރަނގަޅަށް ބެލުމަށްފަހު، އަތް އުގުޅާލައިގެން ހަރުތަނެއް ނުވަތަ ގޮށެއް ހުރިތޯ ބެލުމެވެ. މިގޮތަށް ބަލާއިރު އަތްތިލައިގެ އިނގިލިތައް ބޭނުންކޮށްގެން، މަތިން ތިރިއަށް، ނުވަތަ ތިރިން މައްޗަށް މުޅި އުރަމަތީގައި މަޑުން، އަދި މެދުމިނަކަށް، އަދި ބާރަށް އަތް އުގުޅާނީ އެވެ. މިގޮތަށް އަތްއުގުޅާއިރު އިނގިލިތަކުގެ ކޮޅުގެ ބަދަލުގައި މުޅި އިނގިލި ބޭނުންކުރުން މުހިއްމެވެ. މިގޮތަށް ބެލުން އެންމެ ރަނގަޅު ދުވަސްވަރަކީ ކޮންމެ މަހެއްގެ މައްސަރު ދުވަސްވަރަށް ފަހުއެވެ. މައްސަރު ކަންތައް ގަވާޢިދުން ނުޖެހޭމީހުން، ނުވަތަ އިއްދައިން ކެނޑިފައިވާ މީހުން، ކޮންމެ މަހެއްގެ ވެސް އެއް ދުވަހު، ވަކި ދުވަހެއް ޚިޔާރުކޮށްގެން ބެލުން މުހިއްމެވެ.
ފެންވަރާ ވަގުތު ބަލާނެގޮތް
ފެންވަރާ ވަގުތު މިކަންކުރާނީ ގައިގައި ސައިބޯނިލާ ވަގުތުގައެވެ. ކަނާތް ފަރާތު އުރަމަތީގެ ބެލުންތައް އަބަދުވެސް ބަލާނީ ވައަތުންނެވެ. ވައަތް ފަރާތު އުރަމަތީގެ ބެލުންތައް ބަލާނީ ކަނައަތުންނެވެ.
• ބަލަންބޭނުންވާ އުރަމައްޗާއި ވީފަރާތުގެ އަތްތިލަ ބޯމަތީގައި ނުވަތަ ކަދުރާ މަތީގައި ބާއްވާށެވެ.
• ބޯމަތީގައި ނުވަތަ ކަދުރާ މަތީގައި ބޭއްވި އަތްނޫން އަނެއް އަތުގެ އަތްތިލައިގެ އިގިލިތަކުގެ ހުދުހަމާވީ ފަރާތުން އުރަމަތީގައި ހަރުތަނެއްހުރިތޯ މަޑުމަޑުން އަތްއުގުޅައިގެން ބަލާށެވެ.
• މިގޮތަށް އެއް އުރަމަތި ބަލައި ނިމުމުން އަނެއް އުރަމަތި ވެސް ބަލާށެވެ.
” ފެންވަރަށް ހުރެގެން ކަނާތް މައްޗަށްނެގުމަށްފަހު އަތުގައި ސައިބޯނި ލާފައި، އިނގިލިތަކުން އުރަމަތި ޗެކު ކުރި ފަދައިން(އަތުގެ އިނގިލިތަކުން ކުދި ވަށްބުރުތަކެއް އަޅަމުން މަތިން ތިރިއަށް އުރަމަތީގައި އެއްކޮށް އުގުޅާށެވެ. އަތް އުގުޅާއިރު މަޑުން، އަދި މެދުމިނަށް، އަދި ބާރަށް ފިއްތަމުން ، އުނގުޅަމުން ގެންދާށެވެ.) ޗެކުކުރާށެވެ. ކަނާތު އުރަމަތި ނިމުމުން ވާތު އުރަމަތި ހަމަ މިގޮތަށް ޗެކުކުރާށެވެ.

އޮށޯވެއޮވެގެން ބަލާނެގޮތް
އޮށޯވެގެން އުރަމަތި ބަލާއިރު އެކަންކުރާނީ ގައިގައި ހެދުމެއް ނެތި އެވެ. ނަމަވެސް މޭމަތީގައި ތުނި ފޮތިކޮޅެއް އަޅައިގެން ބެލިދާނެއެވެ.
• އުޑުތިލަމަތިން އޮށޯންނާށެވެ.
• ބަލަން ބޭނުންވާ އުރަމައްޗާވީ ފަރާތުގެ ބޮނބިފަޅީގެ ދަށަށް ބާލީހެއް ނުވަތަ ދެތިން ހަތަރު ފަށަށް ފަތްޖަހާފައިވާ ތުވާއްޔެއް ލައްވާށެވެ
• ބަލަން ބޭނުންވާ އުރަމައްޗާވީ ފަރާތުގެ އަތްތިލަ ނިއްކުރި މަތީގައި ބާއްވާށެވެ. ނުވަތަ ބޯދަށަށް ލައްވާށެވެ.
• ނިއްކުރި މަތީގައި ނުވަތަ ބޯދަށަށް ލެއްވި އަތްނޫން، އަނެއް އަތުގެ އަތްތިލައިގެ ހުދުހަމާވީ ފަރާތުން މަޑުމަޑުން ވައްބުރަށް ވާގޮތަށް އުރަމަތީގައި އަތްއުގުޅައި، ހަރުތަނެއް ހުރިތޯ ބަލާށެވެ.
• މިގޮތަށް ފުރަތަމަ ބެލުން ބަލައި، ނިންމުމަށްފަހު ނިއްކުރިމަތީގައި ނުވަތަ ބޯދޮށަށް ލެއްވި އަތްތިރިކޮށް އެދުމަތީގައި ބާއްވައި އަނެއް އަތުން ކުރިން ބެލިގޮތަށް އަލުން ވެސް ބަލާށެވެ.
• މިގޮތަށް އެއްފަރާތް ބަލައި ނިމުމުން އަނެއް ފަރާތް ވެސް ބަލާށެވެ.
” އޮށޯވެ އޮވެގެން ބަލާއިރު ކަނާތު ކޮނޑުދޮށަށް ބާލީހެއް ލާފައި ކަނާތް ބޯދަށަށް ލާށެވެ. އަތުގެ އިނގިލިތަކުން ކުދި ވަށްބުރުތަކެއް އަޅަމުން މަތިން ތިރިއަށް އުރަމަތީގައި އެއްކޮށް އުގުޅާށެވެ. އަތް އުގުޅާއިރު މަޑުން، އަދި މެދުމިނަށް، އަދި ބާރަށް ފިއްތަމުން ، އުނގުޅަމުން ގެންދާށެވެ. ކަނާތު އުރަމަތި ނިމުމުން ވާތު އުރަމަތި ހަމަ މިގޮތަށް ޗެކުކުރާށެވެ.
މޫނުބަލާ ލޯގަނޑެއްގެ އެހީގައި ބަލާނެގޮތް
މިގޮތުން ބޭނުންކުރާ ލޯގަނޑަކީ ހަށިގަނޑުގެ މަތީބައި އެކުގައި ފެންނަވަރުގެ ލޯގަނޑަކަށް ވާންވާނެ އެވެ. އަދި ހަށިގަނޑުގެ އެއްފަރާތުން ރަގަޅަށް އަލިވާފަދަ ގޮތަކަށް ބޮތްކެއް ފަދަ އެއްޗެއްގެ އަލި ހުންނަން ބޭނުންވާނެ އެވެ. މިބެލުންބަލާނީ ވެސް ހެދުމެއްނެތި އެވެ.
• މޫނުބަލާ ލޯގަނޑުގެ ކުރިމަތީގައި ކޮޅަށް ހުއްޓޭށެވެ.
• ދެފަރާތުގެ އުރަމަތިހުރީ އެއްސިފަޔަކަށްތޯ ބަލާށެވެ.
• ދެއުރަމަތީ ބޮޑުމިން ހުރީ އެއްވަރެއްގައިތޯ ބަލާށެވެ.
• ދެއުރަމަތީގެ އުސްތިރިމިނުގައި ތަފާތެއްހުރިތޯއާއި، އުފުލި ދުޅަވެ ނުވަތަ އަޑިވެފައިވާ ތަނެއް ހުރިތޯ ބަލާށެވެ.
• ވައްގަނޑު އިނީ ރަގަޅަށްތޯ، ނުވަތަ އުރަމަތީގެ ތެރެއަށް އަޑިއަށް ވަދެފައިތޯ، ނުވަތަ ވައްގަނޑު ކަނޑައިގެން ގޮސްފައި ހުރިތޯ ނުވަތަ މިނޫނަސް މިބާވަތުގެ އާދަޔާ ޚިލާފު ކަމެއް ވައްގަނޑުގައި ހުރިތޯ ބަލާށެވެ.
• އެއްއުރަމަތި ބަލައި ނިމުމުން އަނެއް އުރަމަތި ވެސް ބަލާށެވެ.
“ލޯގަނޑު ކުރިމަތީގައި ހުރެގެން އުރަމަތީގެ ބޮޑުކުޑަމިނަށް ނުވަތަ ސިފަޔަށް ބަދަލެއް އައިސްފައިވޭތޯ ބަލާށެވެ. އަދި ހަންގަނޑަށާއި، އުރަމަތީގެ ކޮޅުގައި (ވައްގަނޑުގައި) ބިހިގަނޑެއް ނުވަތަ އެއްޗެއް ހުރޭތޯ ބަލާށެވެ. މިގޮތަށް އުރަމަތި ޗެކުކުރާނީ:-
• ދެއަތް ގަޔާ ކައިރިކޮށްލާފައި ބެހެއްޓުމަށްފަހު، ދެން ދެއަތް ބޯމައްޗަށްނެގުމަށްފަހު، ދެން ދެއަތް އުނަގަނޑުގައި ބާރަށް ވިއްދުމަށްފަހު، ދެން ކުރިމައްޗަށް ގުދުވުމަށްފަހު އެވެ
އަލިކަން ހުންނަގޮތުން ވެސް ބައެއް ފަހަރު އުރަމަތީގައި އައިބެއް ހުރިކަމަށް ފާހަގަ ކުރެވިދާނެ އެވެ. ވީމާ ކެންސަރުގެ އަލާމާތެއް ހުރިތޯ ބަލާ ކޮންމެ ފަހަރަކުވެސް މި 3 ގޮތަށް ބަލައިލުން މުހިއްމެވެ. އުރަމަތީގައި ހަރުތަނެއް ހުރެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާށެވެ. މިބެލުންތައް ބަލަން އެންމެ ރަގަޅު ދުވަސްވަރަކީ މައްސަރު ކަންތައް ނިމޭތާ ދެދުވަހެއްގެ ތެރޭގައެވެ. އެއީ މައްސަރު ކަންތައް ފެށޭތާ ކައިރީގައި ބައެއް ކަހަލަ ބަދަލުތައް އުރަމައްޗަށް އަންނާތީ އެވެ.

ޓެގު