English Edition
Dhivehi Edition
އައްޑޫ ސިޓީ ސްކުއަރ - ފޮޓޯ: ޓްވިޓާ (ނައުޓީ)

އައްޑޫ ސިޓީ ސްކޮއަރ މިއަދުން ފެށިގެން ބަންދުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިޓީ ސްކޮއަރ ފެހިކުރުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރިއަށްގެންދިއުމަށްޓަކައި ހިޔާދޭ ގަސްތަކާއި މާގަސްތައް އިންދާ ހެއްދުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އަދި ސިޓީ ސްކޮއަރގެ ވަށައިގެން ހެދިފައިވާ ދުވާ ޓްރެކް ބޭނުންކުރުމުގައި އެކ ިވަރުގެ އުނދަގޫތައް ދިމާވަމުންދާ ކަމުގެ ޝަކުވާތައްވެސް ކައުންސިލަށް ލިބިފައިވުމުން، ރައްޔިތުން އެދޭ ގޮތަށް އެ ޓްރެކް މަރާމާތުކުރުމަށް ކައުންސިލުން ބޭނުންވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

“ވޭތުވެދިޔަ ތަނުގައި ސިޓީ ސްކޮއަރ އަށް ހިތްފަސޭހަ ކޮށްލުމަށާއި އެކިއެކި ކުޅިވަރުތައް ކުޅުމަށް، ދުވާލާއި ރޭގަނޑު އެތަން ބޭނުންކުރަމުންދާ ކަމީ ކައުންސިލުން ނުހަނު އުފާ ކުރާ ކަމެކެވެ. ސިޓީ ސްކޮއަރ އަކީ އައްޑޫ ސިޓީ އަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތް ކުރައްވާ ފަތުރުވެރިންނާއި އެހެނިހެން ފަރާތްތަކަށްވެސް ހިތްގައިމު ބަގީޗާއަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެވިފައިވުމުން މި މަސައްކަތަކީ ރައްޔިތުންގެ އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ވެސް ފާހަގަކުރަން”، އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން 15 ޑިސެންބަރު 2020 އިން ފެށިގެން އެ މަސައްކަތްތައް ކުރުމަށްޓަކައި ސްކޮއަރ އާންމުކޮށް ބަންދުކޮށްފައިވާ ކަމަށާއި، އެކަމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.

“ސިޓީ ސްކޮއަރ މިހާރަށް ވުރެ ފެހި ހިތްގައިމު ތަނެއްގެ ގޮތުގައި ބޭއްވުމަށް ރައްޔިތުން ހުށަހަޅުއްވާފައިވާ ކަންކަން އުފަލާއެކު ކައުންސިލުން ބަލައިގަންނަ ހިނދު، މިފަދަ އިޖުތިމާޢީ މަސައްކަތް ކުރިއަށްގެންދިއުމުގައި މި ސިޓީގެ ރައްޔިތުން ދެއްވަމުން ގެންދަވާ އެއްބާރުލުމަށާއި މިހާތަނަށް ގަސް ހަދިޔާ ކޮށްދެއްވާފައިވާ އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވަން”، އެ ބަޔާނުގައި ކައުންސިލުން ބުނެފައި ވެއެވެ.