English Edition
Dhivehi Edition
އަދާލަތު ޕާޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: މިހާރު

ކޮވިޑް-19ގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް އަދާލަތު ޕާޓީންވެސް ތާޢީދުކޮށްފިއެވެ.

އަދާލަތު ޕާޓީން މިއަދު ބުނީ މުޅި ދުނިޔެ އަށް ދިމާވެފައިވާ މި ނާޒުކު ހާލަތުގައި ސްރީލަންކާގެ ސަރުކާރުން އެދިލައްވާފައިވާ އެދިލެއްވުމަށް އިޖާބަދެއްވާ، ސްރީލަންކާގެ މުސްލިމުންގެ ޙާލަތަށް ރިޢާޔަތްކުރައްވާ އެ ޤައުމުގައި މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ހަމަޖައްސަވައި ދެއްވުމަކީ ސްރީލަންކާގެ މުސްލިމުންގެ ޙައްޤުގައި އާއި އިސްލާމީ އުންމަތުގެ ޙައްޤުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި އެ ޕާޓީގެ ފަރާތުން ދެކޭ ކަމަށެވެ.

“އަދި މިފަދަ ފިޔަވަޅުތަކަކީ އިސްލާމީ އުންމަތުގެ އުޚުއްވަތްރެއިކަމާއި އެއްބައިވަންތަކަމަށް އެހާމެ މުހިންމު، އަދި ސްރީލަންކާއާއި ރާއްޖެއާއި އޮންނަ ޒަމާންވީ ގުޅުން ދެމެހެއްޓުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅެއްކަމުގައި ވެސް މިޕާޓީގެ ފަރާތުން ދެކެން”، އަދާލަތު ޕާޓީން ބުނެފައިވެއެވެ.

އަދާލަތުން މިހެން ބުނެފައި ވަނީ ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ދިވެހިރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް ވަނީ ސިޓީފުޅެއް ފޮނުއްވާފައިވާ ކަމުގައި ފޮރިން މިނިސްޓްރީން ހާމަކޮށްފައި ވަނިކޮށެވެ.

އަދި އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން ކަމުގައިވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.