English Edition
Dhivehi Edition
ދަންމަރު ޖަމިއްޔާއިން މީގެ ކުރިން ބޭއްވި މަސްރޭހެއްގެ ތެރެއިން: ފޮޓޯ / ދަންމަރު ޖަމިއްޔާ

މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ގެމަނަފުށީގައި ފޯރިގަދަ މަސްރޭހެއް ބޭއްވުމަށް އެރަށު ދަންމަރު ޖަމިއްޔާއިން ތައްޔާރުވެއްޖެއެވެ.

“ޓާރޯ މަސްފޯރި 2020” ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތް ބޭއްވުމަށް ހަމަޖައްސާފައިވަނީ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ހަވީރުގައި ކަމަށް ދަންމަރު ޖަމިއްޔާއިން ބުނެއެވެ.

މުބާރާތާއި ބެހޭ ގޮތުން އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަވަމުން ދަންމަރު ޖަމިއްޔާގެ ޗެއަރމަން އަޙްމަދު ސިނާޙް ވިދާޅުވީ މަސްފޯރި 2020 ގައި ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހަށް ހަމަވެފައިވާއިރު މުބާރާތުގައި 20 ޓީމު ބައިވެރިވެފައިވާ ކަމަށެވެ. އަދި ގެމަނަފުއްޓަކީ މަސްވެރި ރަށެއްގެ ގޮތުގައި ފާހަގަ ކުރެވޭ ރަށެއް ކަމަށާއި ރަށުގެ ގިނަ ޒުވާނުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ މަސްވެރިކަން ކަމަށް ވުމުން ކުލަގަދަ ގޮތަކަށް މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭނުންވާ ކަމަށެވެ.

ސިނާޙް ބުނީ މި މުބާރާތުގެ 1 ވަނަ 2 ވަނަ އަދި 3 ވަނަ އަށް ފައިސާގެ އިނާމު ހުށަހަޅާފައިވާކަމަށާއި އަދި 5 ކެޓަގަރީއަކުން ވަނަ ހޮވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެންމެ ފޯރިގަދަ ޓީމާއި އެންމެ ބޮޑު މަސް ބޭނި ކެޔޮޅާއި އެންމެ ގިނަ މަސް ބޭނި ކެޔޮޅު، އެންމެ ހިންގުންތެރިކެޔޮޅާއި އެންމެ އުއްމީދީ ކެޔޮޅު ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޓާރޯ އިން ޓައިޓަލް ސްޕޮންސަރ ކޮށްފައިވާ މި މުބާރާތަށް ގިނަ ފަރާތްތަކުން ވަނީ ސްޕޮންސަރުންގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި އުރީދޫ، ހެޕީމާކެޓް، އެމް ސެވެން ފަދަ ރާއްޖެގައި މަޝްހޫރި ވިޔަފާރިތައް ފާހަގަކޮށްލެވެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސް އެވެ. މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މުބާރާތް ކުރިއަށް ދާ ވަގުތު މުބާރާތުގެ ލައިވް ކަވަރޭޖް އޭއޯ އިން ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.