ކުށްމަދު އަމާން މާހައުލެއް ޤާއިމުކޮށް ފުރާވަރު އުމުރުގެ ކުދިންނާއި ޒުވާނުން ޒިންމާދާރުކޮށް ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީ ހިތަދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ރޭ އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ކުށްމަދު ކުރުމަކީ ކޮބައިކަމާއި ކުށްތައް މަދުކުރުމަށްޓަކައި ޒުވާނުންގެ ދައުރާއި ރަށުތެރޭގައި އާންމުވަމުންދާ ކުށްތައް މަދުކުރުމަށް މަސައްކަތްތައް ރޭވިފައިވާ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން ރިވެތި އަޚްލާގުގެ މަތީގައި ދެމިތިބުމަށް މަސައްކަތްކުރުމާއި މުޖްތަމައުގައި އާންމު ވަމުންދާ ކުށްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ މަސައްކަތްތަކާއި، ކުށްތަކަށް ދެވިހިފާފައިވާ މީހުން އެކަމުން ސަލާމަތްކޮށް މުޖްތަމައަށް އަނބުރާ ގެނައުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދިރިއުޅޭ ވެއްޓަކީ ކުށްތަކާ ދުރު އަމާން ވެއްޓަކަށް ހެދުމަށްޓަކައި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުންެނާއި އެކަކު އަނެކަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމަށްޓަކައި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މުހިންމުކަމާއި އެކަމުން ތިމާއަށް ކުރާނެ ފައިދާތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ. ފުލުހުން ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ ސެޝަންގައި މައުލޫމާތު ދެއްވީ ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލް ޤައްޔޫމާއި، ހިތަދޫ ޕޮލިސް ސްޓޭޝަންގެ އިންޖާޗު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތެވެ.