English Edition
Dhivehi Edition

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިލިމާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެމީހަކު ހައްޔަރުކޮށް އެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފިއެވެ.

އެގޮތުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނަކީ ހުޅުމާލޭގައި ބިޔަރުދަޅު ތަކެއް ގެންގުޅެ، އެތަކެތި ވިއްކާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި، އިއްޔެހުޅުމާލެ ޕޮލިހުން ހިންގި އެ އޮޕަރޭޝަނުގައި، މަގުމަތިން ދިޔަ ކާރެއް ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ކާރު ތެރެއިން 24 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ވިލިމާލޭގައި ހިންގި އޮޕަރޭޝަނަކީ ވިލިމާލޭގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.