2019 ވަނަ އަހަރުގެ ކުރީ ކޮޅު، ވ. ރަކީދޫގައި ގަސްތުގައި މުހައްމަދު އިބްތިހާލް ނޭވާހާސްކޮށް، ހަށިގަނޑަށް އަތުންނާއި ފައިން އަނިޔާދީ އެ ކުއްޖާ މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ އެ ކުއްޖާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައިވާ 2 ދައުވާގެ ޝަރީއަތުގައި ހުކުމް އިއްވާ އަޑުއެހުން މާދަމާ މެންދުރުފަހު 14:00 އަށް ތާވަލުކޮށްފިއެވެ.
އުމުރުން 3 އަހަރުގެ އިބްތިހާލް މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް ކުރަނީ ގަސްދުގައި ކުޑަކުއްޖަކު މަރެމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އިބްތިހާލް މަރާލި މައްސަލައިގެ ހުލާސާ ބަޔާން އިއްވައި އަޑު އެހުންތައް ނިންމާލައިފައިވާ އިރު އެ ދުވަހު މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވަނީ މާޗު މަހުގެ 12 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް ކުރުން ތާވަލު ކުރުމަށް ނިންމަވާފައެވެެ. އެހެން ނަމަވެސް މާޗު މަހުގެ 12 ވަނަ ދުވަހަށް އެ މައްސަލަ ތާވަލުކޮށްފައެއް ނުވެއެވެ.
އިބްތިހާލް މަރާލި މައްސަލައިގައި ތުހުމަތު ކުރެވިގެން ބަންދު މުއްދަތު ޖަހަން އާފިޔާ ވ. ތިނަދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އޭނާ ވަނީ އެ ކުށަށް އިއުތިރާފުވެފައެވެ. އަދި ތަހުގީގުގައި އޭނާ ވަނީ އިބްތިހާލް އަށް އޭނާ ކުރި އަނިޔާތަށް ތަފްސީލުކޮށް ކިޔައިދީ އޭނާ އިބްތިހާލް މަރާލީ އިބްތިހާލް އަކީ “ބައްޕަ ނެތް ކުއްޖަކަށް” ވާތީ ކަމަށްވެސް ބުނެފައެވެ. އަދި އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައިވެސް އެކަމަށް އިއުތިރާފުވެފައެވެ. އެކަމަކު، ފަހުން މުޅި ރާގު ބަދަލުކޮށް، ކްރިމިނަލް ކޯޓުގައި އާފިޔާ ބުނެފައި ވަނީ އިބްތިހާލްއަށް އަނިޔާ ނުކުރާ ކަމަށާއި އޭނާ މަރާނުލާ ކަމަށެވެ. އަދި ކުރިން އަނިޔާ ދިން ކަމަށް ބުނީ ބަޔަކު ބިރު ދައްކައި މަޖުބޫރު ކުރުމުން ކަމަށް ވެސް އާފިޔާ ބުންޏެވެ.
2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި އައިޖީއެމްއެޗްގައި އިބްތިހާލް ބެއްލެވި ޑޮކްޓަރު އަހުމަދު ޒިޔާން ހެކިބަސް ދެއްވަމުން ވިދާޅުވެފައިވަނީ އިބްތިހާލްގެ ކަރުގައި ނިޔަފަތީގެ ނިޝާންތަކެއް ހުރި ކަމަށާއި އެ ނިޝާންތަކަކީ އަނިޔާ ލިބުނުތާ މާ ގިނައިރުތަކެއް ނުވާ “ފްރެޝް” ނިޝާންތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއީ ވަރަށް ބާރަށް ކަރުގައި ހިފުމުން ހުރި ނިޝާންތަކެއް ކަމަށް ބެލެވޭ ކަމަށާއި އިބްތިހާލް މަރުވީ ނޭވާ ހުއްޓުވާލައިގެން ކަމަށް ބެލެވޭ ކަމަށެވެ.
މީގެ އިތުރުން އިބްތިހާލްގެ މޭކަށިގަނޑު އޮތީ ބިނދިފައި ކަމަށާއި އިބްތިހާލްގެ ތުންފަތާއި ބަނޑަށް އަދި މެޔަށް ވެސް އަނިޔާތަކެއް ލިބިފައި ހުރި ކަމަށް ޑރ. ޒިޔާން ވަނީ ކޯޓުގައި ވިދާޅުވެފައެވެ. އަދި ކުރިމަތި ފަރާތަށް އަނިޔާވެފައި ހުރި ކަމަށާއި ބޮލަށް ވެސް އަނިޔާތަކެއް ލިބިފައި ހުރިކަން ޑރ. ޒިޔާން ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން އިތުރު ލަކުނުތަކެއް ވެސް އިބްތިހާލްގެ ހަށިގަނޑުގައި ހުރި ކަމަށާއި އެކަމަކު އެއީ ކިހާ ދުވަހެއް ވެފައިވާ ލަނުތަކެއް ކަން ނޭނގޭ ކަމަށް ޑރ. ޒިޔާން ވިދާޅުވި އެވެ.