English Edition
Dhivehi Edition

ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ނުވަ މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފިއެވެ.

އެގޮތުން ށ. ފުނަދޫގައި ހިންގި އޮޕަރޭޝަނަކީ ރަށުތެރެ ޕެޓްރޯލުކުރަން އުޅުނު ފުލުހުންނަށް އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައި އުމުރުން 23 އަހަރުގެ ދެ މީހުންނާއި 34 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެތިން މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފުލުހުންވަނީ އަތުލައިގެންފައެވެ.

ތ.ދިޔަމިގިއްޔަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ތ.ގުރައިދޫ ފުލުހުން ވަނީ އެރަށު ބަދަރުމަތިން 52 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކޮށްފައެވެ. އޭނަގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ކަރުދާސްކޮޅު ވަނީ ފެނިފައެވެ.

އދ.މާމިގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާމިގިލީގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މާމިގިލިގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓުއަމުރެއްގެ ދަށުން އެރަށު ގެއެއް ބަލައި ފާސްކޮށް ފުލުހުންވަނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހޮޅިކޮޅަކާއި ކަރުދާސްކޮޅެއް ހޯދާފައެވެ. މިމައްސަލާގައި އުމުރުން 26 އަހަރުގެ ދިވެހި ވަނީ ހައްޔަރުކުރެވިފައެވެ.

ށ.މާއުނގޫދޫއިންވެސް 22 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހެއްގެ އިތުރުން 24 އަހަރުގެ މީހަކު ވަނީ ހައްޔަރުކުރެވިފައެވެ. އެންމެންނަކީވެސް ދިވެހިންނެވެ. 22 އަހަރުގެ މީހާ ދިރިއުޅޭ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 88 ރަބަރު ޕެކެޓު ފެނިފައިވާއިރު، 23 އަހަރުގެ މީހާ ދިރިއުޅޭ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅު ފެނިފައިވެއެވެ. އަދި 24 އަހަރުގެ މީހާ ދިރިއުޅޭ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މިތިން މީހުންނަށް މިހާރުވަނީ ކޯޓުން މުއްދަތު ޖަހާފައެވެ.

މާލެއިން ށ.ފޭދޫއަށް ދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފީވަކު ޕޮލިސް ސްޓޭޝަނާއި، ފުނަދޫ ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓާއެކު އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކުރެވިފައެވެ.

ނޮވެމްބަރ 25 ވަނަ ދުވަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕްރޭޝަންތަކުގައި ހައްޔަރުކުރެވުނު އެންމެންގެ އަތުންވެސް ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައެވެ.