ދިވެހިރާއްޖޭގައި ސިއްޙީ ޚިދުމަތުގެ ފެންވަރު ވަޒަންކޮށް ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ސިއްޚީ ޚިދުމަތެއް ފޯރުކޮށްދެވޭކަން ޔަޤީން ކުރުމަށްޓަކައި، “ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސު” ގެ މަޤާމަށް އަލްއުޘްތާޛާ ތަސްލީމާ އުޘްމާން އައްޔަންކުރައްވައިފިއެވެ.
މިއީ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސުގެ މަގާމަށް ދިވެހިރާއްޖޭގައި މީހަކު އައްޔަން ކުރި ފުރަތަމަ ފަހަރެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަލްއުޘްތާޛާ ތަސްލީމާ އެ މަގާމަށް ހަމަޖައްސައިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. މި މަގާމަށް އަލްއުޘްތާޛާ ތަސްލީމާ ހަމަޖެއްސިއިރު އެ ކަމަނާ އައީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވަމުންނެވެ.
ސީއެސްސީ އިން މި މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން އަލްއުޘްތާޛާ ތަސްލީމާ އާއި އެކު އެ މަގާމަށް އިތުރު ދެ ބޭފުޅަކު ކުރިމަތިލެއްވި އެވެ.
2015 ވަނަ އަހަރު އާއްމުކުރެވި އޭގެ އަހަރެއް ފަހުން އަމަލުކުރަން ފެށުނު ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގައި “ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސް” ގެ ނަމުގައި މަޤާމެއް އުފައްދައި، އެ މަޤާމަށް މީހަކު ޢައްޔަންކުރަންވާނެ ކަމުގައި ކަނޑައަޅައިފައިވީ ނަމަވެސް ފާއިތުވި 4 އަހަރުވެސް މި މަގާމަށް އިއުލާނުކޮށްފައެއްނުވެއެވެ.
ޤާނޫނު ނަންބަރ 2015/29 (ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) ގެ ތިންވަނަ (3) ބާބު ( ސިއްޙީ ޚިދުމަތުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނިޒާމު) ގެ 24 ވަނަ މާއްދާގެ ދަށުން އުފައްދަންޖެހޭ “ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސު” ގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށާއި، ޞިއްޙީ ޚިދުމަތްދޭ ތަންތާނގެ މުވައްޒަފުންނާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުމާއި، އެ އުސޫލުތަކާއި މިންގަނޑުތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުމާއި، ޢަމަލުކުރެވެމުންދާ މިންގަނޑުތަކާއި އުސޫލުތައް މުރާޖަޢާކޮށް އިޞްލާޙުކުރުން ހިމެނެއެވެ.
ޞިއްޙީ ޚިދުމަތްދޭ ތަންތަން ހުންނަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުމާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ލިބިދޭންޖެހޭ އަދި ފޯރުކޮށްދޭ ޚިދުމަތްތައް ދެމުންގެންދަނީ ކަނޑައެޅިފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުމުގެ އިތުރުން ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފަންނީ މުވައްޒަފުން މަސައްކަތްކުރަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުމަކީ ވެސް ކޮމިޝަނަރުގެ މަސްޢޫލިއްޔަތެކެވެ.
މީގެ އިތުރުން ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް އިންސްޕެކްޓަރުން ފޮނުވައި، އެތަންތަން ބަލައި ފާސްކޮށް، އިޞްލާޙުކުރަންޖެހޭ ކަންކަން ހުރިނަމަ އެކަންކަން އިޞްލާޙުކުރުމަށް އެފަރާތްތަކަށް އަންގައި، ކޮމިޝަނަރު އަންގާ އެންގުންތަކަށް ޢަމަލުނުކޮށްފިނަމަ، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ޞިއްޙީ ޚިދުމަތް ދިނުމާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ކުރާ ޝަކުވާތައް މިނިވަންކަމާއެކު އަޑުއަހައި، ތަޙްޤީޤުކޮށް މިނިސްޓަރަށް ރިޕޯޓު ހުށަހެޅުންވެސް މި މަގާމުގެ ޒިންމާއެއްގެ ގޮތުގައި ހިމެނެއެވެ.
ޞިއްޙީ ޚިދުމަތުގެ ޤައުމީ އެކްރެޑިޓޭޝަން ނިޒާމެއް އެކުލަވާލައި ތަންފީޛުކުރުމުގެ އިތުރުން ޞިއްޙީ ޚިދުމަތްދޭ ތަނަކުން މީހަކަށް ނުރައްކާތެރި އަނިޔާއެއް ލިބިއްޖެނަމަ، ނުވަތަ އެއިން ފަރާތެއްގެ އިހުމާލުން ކަމެއް ހިނގައިފިކަމުގެ މަޢުލޫމާތު ކޮމިޝަނަރަށް ލިބިއްޖެނަމަ އެކަން ބަލައި ތަޙްޤީޤުކޮށް، ކަމާބެހޭ ބޯޑު ނުވަތަ ކައުންސިލަށާއި މިނިސްޓަރަށް ރިޕޯޓު ހުށަހެޅުމަކީވެސް ކޮމިޝަނަރުގެ މަސްޢޫލިއްޔަތެކެވެ.
ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސްގެ މަޤާމަކީ ސިވިލް ސަރވިސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާ އެއް ފެންވަރުގެ މަޤާމެކެވެ. އެހެންނަމަވެސް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ޢާންމު ޝަރުޠުތަކެއްގެ އިތުރުން، އެ މަޤާމަށް ޢައްޔަންކުރާ މީހަކީ، ޞިއްޙީ ދާއިރާއިން މާސްޓަރސް ޑިގްރީއެއް އޮތް މީހެއް ކަމުގައި ވާންޖެހެއެވެ.