English Edition
Dhivehi Edition
ފޭދޫ ސްކޫލްގައި 2019 ވަނަ އަހަރުގެ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން - ފޮޓޯ: ފޭސްބުކް (ފޭދޫ ސްކޫލް)

ނޮވެލް ކޮރޯނާވައިރަހުން ރައްކާތެރިވުމަށްޓަކައި، އާންމު ދިރިއުޅުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީ އޮފް ހެލްތުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ސްކޫލްތަކުންވެސް ޢަމަލުކުރުމަށް އަންގައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ސަރކިއުލަރއެއްގައި ބުނެފައި ވަނީ ކޮރޯނާވައިރަހުގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ އިރުޝާދާއެކު، ދަރިވަރުންނާއި ސްކޫލް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެ މިނިސްޓްރީން އަޅަމުންދާ ކަމަށެވެ.

އެހެންކަމުން ކޮރޯނާވައިރަހުން ރައްކާތެރިވުމަށްޓަކައި ހެލްތު މިނިސްޓްރީން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ސްކޫލްތަކުންވެސް ޢަމަލުކުރުމަށް އެ މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ސްކޫލްތަކުން އަޅަންވީ ފިޔަވަޅުތައް:

  1. ސްކޫލްގައި އަދި ގޭގައި އުޅޭއިރުވެސް އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުން؛ މިގޮތުން ކެއްސާ، ކިނބިހިއަޅާ އިރު ޓިޝޫއަކުން އަނގައާއި ނޭފަތް ނިވަކުރުން، އަދި ވަގުތުން ޓިޝޫ ކުނިވަށިގަނޑަށް އެއްލައިލުމަށްފަހު އަތްދޮވުން.
  2. ބޭރުގައި އުޅެގައި ގެއަށް އައިސް އަދި ސްކޫލްގެ ކްލާހުން ބޭރުގައި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމަށްފަހު ރަނގަޅަށް އަތްދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކުރުން.
  3. ހުންއައުން، ކެއްސުން، ކަރުގައި ރިއްސުން، އަރިދަފުސް ރޯގާޖެހުން، ނޭވާ ކުރުވުންފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެފަދަ ދަރިވަރުންނާއި ސްކޫލްގެ މުވައްޒަފުން، ބަލި ރަނގަޅުވަންދެން ގޭގައި މަޑުކުރުން.

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެ މަޢުލޫމާތުތައް ސްކޫލް މުވައްޒަފުންނާއި ދަރިވަރުންނާއި ހިއްސާކޮށް، ސްކޫލް މާޙައުލަކީ ޞިއްޙީ ގޮތުން ރައްކާތެރި ވެއްޓަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ ކަންކަން ކުރުމަށްވެސް ސްކޫލްތަކަށް އަންގައިފަ އެވެ.