English Edition
Dhivehi Edition

ދިވެހި ފިލްމީ ދާއިރާގައި ހުނަރުވެރި އެކްޓްރެސް ޢާމިރާ އިސްމާޢީލް، ހިތްގައިމު ލަވަޔަކާއެކު ފިލްމީ ދާއިރާއަށް އެބުރި އަތުވެއްޖެއެވެ.

ދިހަ އަހަރުވަންދެން ފިލްމީ ދާއިރާއާ ދުރުގައި އުޅުމަށްފަހު، އަލީ ރަމީޒުގެ ހިތްގައިމު އަޑުން ކިޔާފައިވާ ލަވައެއް ކަމަށްވާ “ޔާރުތިއޭ މިއިތުގެ ޝިފާ” އިން ބެލުންތެރިންގެ ހިތްތަކަށް ޝިފާއެއް ގެނެސްދެމުން އާމިރާ މިވަނީ ފިލްމީ ދާއިރާގެ މަސައްކަތްތައް އަލުން ފަށާފައެވެ.

މިލަވައިގައި އާމިރާ އެކީ ފެނިގެންދާނީ ބެލުންތެރިންގެ ހިތުން ހާއްސަ މަގާމެއް ހޯދާފައިވާ އެކްޓަރ އަހުމަދު ޒިޔާޢު (ޒިޔާ) އެވެ. މިއީ ޢަލީ ރަޝީދުގެ (ގޮޅާ އައްޔަ) އަމިއްލަ ޕްރޮޑަކްޝަން ހައުސް ’ބްލޫ ވޭވް އެންޓަޓެއިންމެންޓް‘ އާއި ’ޔޫއްޕެ ޕްރޮޑަކްޝަން‘ ގުޅިގެން އުފައްދާފައިވާ ލަވައެކެވެ. ’ބްލޫ ވޭވް އެންޓަޓެއިންމެންޓް‘ އިން ބުނީ މިލަވަ ޝޫޓްކޮށް ނިންމާފައިވާއިރު މިހާރު ކުރިޔަށްދަނީ ލަވައިގެ އެޑިޓިންގެ މަސައްކަތެވެ.

އާމިރާއަކީ ފިލްމީ ދާއިރާގައި ވަރަށްގިނަ މަސައްކަތްތައް ކޮށްފައިވާ ހުނަރުވެރި ފަންނާނެކެވެ. އެގޮތުން ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި 2003 ވަނަ އަހަރު އަމްޖަދު އިބްރާހިމް އުފައްދައި ރިލީޒްކުރި ލޯބީގެ ބިރުވެރި ފިލްމު ”ދޮންކަމަނަ“ އަދި 2005 ވަނަ އަހަރު އަޙްމަދު ނިމާލް އުފައްދައި ރިލީޒްކުރި ބިރުވެރި ފިލްމު ”ހަނދު ކޭތަ“ގެ އިތުރުން ފިލްމު ”ވެހޭ ވާރޭ ތެރޭން“ އާމިރާ ވަނީ އޭނަގެ ސަޕޯޓަރުންގެ ހިތް ކަތިލާފައެވެ. 2009 ވަނަ އަހަރު ނުކުތް ބިރުވެރި ފިލްމެއް ކަމަށްވާ “އުދަބާނި” ވެގެންދިޔައީ އާމިރާގެ އެކްޓިންގ މަތިން ދިވެހި އޯޑިއަންސް ހަދާނުން ފިލައިގެން ނުދާނެ ފިލްމަކަށެވެ. މިހާތަނަށް އާމިރާ ވަނީ ޖުމްލަ 20 ފީޗާ ފިލްމާއި 03 ކުރު ފިލްމުގެ އިތުރުން ޓީވީ ސީރީޒެއްގައި މަސައްކަތްކޮށްފައެވެ.

އާމިރާގެ ކާމިޔާބީއަށް ބަލާއިރު، ސަން ފިލްމު އެވޯޑްސް 2ގައި އެންމެ މުނިފޫހިފިލުވައިދޭ އެކްޓްރެސް އަކަށް ނޮމިނޭޓްވުމުގެ އިތުރުން، 07 ވަނަ ޤައުމީ ފިލްމު އެވޯޑުން އެންމެ މޮޅު އެކްޓްރެސްއަށް ނޮމިނޭޓްވެ، 08 ވަނަ ޤައުމީ ފިލްމު އެވޯޑުން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްއަށް އާމިރާ ވަނީ ނޯމިނޭޓްވެފައެވެ.