English Edition
Dhivehi Edition
ކުޑަކުދިންނަށް ދޭ ތެރަޕީގެ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޝްވަރާކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކުޑަކުދިންނަށް ދޭ ތެރަޕީގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ޚިދުމަތްތައް ފޯރުކޮށްދޭ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ތެރަޕީގެ ގިނަ ޚިދުމަތްތައް މިހާރު ލިބެންހުރީ މާލޭގައިކަން ފާހަގަކުރައްވާ، ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ވެސް އެ ފަދަ ޚިދުމަތްތައް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ވާހަކަ ދެއްކުމުގައި ދަތިތަށް ހުންނަ ކުދިންނަށްދޭ ސްޕީޗް ތެރަޕީ ފަދަ ދާއިރާތަކުން ތަމްރީނުވެފައިވާ މީހުން މަދުކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ މެދުވެރިކޮށް އެ ފަދަ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ކުރިމަތިވާ ހެދިބޮޑުވުމުގެ މައްސަލަތައް ދުރާލާ ދެނެގަތުމާއި، ޚާއްޞަ ފަރުވާ ބޭނުންވާ ކުދިން ދެނެގަނެވޭނެ ގޮތްތައް މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭ ގޮތުން ވެސް އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހޯމަ ދުވަހު އައި.ޖީ.އެމް.އެޗްގެ ސްޕީޗް ތެރަޕީ ޑިޕާޓްމަންޓަށް ޒިޔާރަތްކުރައްވައި، އެ ތަނުގެ މަސައްކަތްތައް ވެސް ބައްލަވާލައްވާފައެވެ. އެ ޒިޔާރަތުގައި އެ ޑިޕާޓްމަންޓުގެ އިސްވެރިން ވަނީ އެ ތަނުގައި މަސައްކަތްކުރާ ތެރެޕިސްޓުންގެ އަދަދާ ބަލާއިރު އެ ޚިދުމަތް ހޯދަން އެދޭ ކުދިންގެ އަދަދު އިތުރުކަން ފާހަގަކުރައްވާފައެވެ. އަދި އެ ދާއިރާގައި މިހާރު ހުރި ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައިވެއެވެ.

އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރުގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ޤައުމީ ޔުނިވަރސިޓީއާއި، އައި.ޖީ.އެމް.އެޗް.ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.