English Edition
Dhivehi Edition

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޖުލައި މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މަައްޗަށް ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލައިފި އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލައިފައިވާ 7 ދައުވާއަކީ؛ ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއެވެ. އަދި މީގެ އިތުރުން ޖިންސީ ކުށުގެ ގާނޫނު ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އަދި ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިއަދު ވިދާޅުވެފައިވާ ގޮތުގައި އަލީ ވަހީދު މިނިސްޓަރުކަމުގެ މަގާމުގައި ހުރިއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ދައުވާ ކުރުމަށް ކުރުމަށް 18 ނޮވެންބަރު 2020 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށައަޅައިފައެވެ.

އޭނާ މިނިސްޓަރުކަމުގައި ހުރިއިރު، މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް ފުލުހުން އަލީ ވަހީދުގެ ގެ ބަލާ ފާސްކޮށްފައިވާ އިރު އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕްވެސް ހިފަހެއްޓިއެވެ. އޭގެ އިތުރުން ޖުލައި 12 އިން ފެށިގެން އޭނާ ރާއްޖެއިން ފުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި މީގެ އިތުރުން ފުލުހުން ވަނީ މިހާތަނަށް 15 މީހެއްގެ ބަޔާން ނަގައިފައެވެ. އަދި މި މައްސަލާގައި އޭނާވެސް ވަނީ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފައެވެ.

މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައެވެ. އަދި މި މައްސަލަ ފެންމަތިވުމާ އެކު، ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލީ ވަހީދުއަށް އެންގެވި ނަމަވެސް އޭނާ އިސްތިއުފާ ނުދެއްވުމުން ރައީސް ވަނީ މިިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު އޭނާ މަގާމުން ވަކިކުރައްވާފައެވެ.