English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު - ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަމާ ގުޅޭ ތަހުޒީބު ޤާނޫނުތައް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފު ކުރެވުނު ނަމަވެސް، މި ކަމުގައި މަސައްކަތްކުރާ ދަޢުލަތުގެ އެންމެހާ މުއައްސަސާއެއްގެ މެދުގައި މަސައްކަތްތައް ކުރެވޭ އިންތިޒާމްތައް ހަރުދަނާ ކުރުމާއި، ނަތީޖާ ނެރުމަށް އިސްކަންދިނުން އެއީ ކޮންމެ ދުވަހަކު އަހަންމިއްޔަތުކަންދޭ ކަމަކަށްވުން ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. އެ ކަމަނާ މިހެން ވިދާޅުވީ އިއްޔެ އ.ދ.އިން ފާހަގަކުރި ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ވީޑީއޯ މެސެޖުގައެވެ.

އެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ކުޑަކުދިންނަކީ މުޖުތަމަޢަށް ކުރިމަތިވެފައިވާ އެކިއެކި އިޖްތިމާޢީ މައްސަލަތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވޭނެ “ޗޭންޖް އެޖެންޓްސް” ގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ އެއްވެސް ކަމެއް ނިންމުމުގައި އަދި އެ ކަމެއްގެ ސަބަބުން އަސަރުކުރާނެ ކަންކަމުގައި ބަސްބުނެ، އަޑުއުފުލަން ލިބޭ ފުރުޞަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެ ކަމަނާ ވަނީ ހުރިހާ ކުޑަކުދިންނަށް ގޮވައިލައްވާފައެވެ.

ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެ ކަމަނާ ވަނީ، ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސް، ލިބިފައިވާ ޙައްޤުތަކުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމަށް ހުރިހާ ކުޑަކުދިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި، ބަސް ބުނުމުގެ ޙައްޤު ކުޑަކުދިންނަށް ކަށަވަރުކޮށްދިނުމަކީ ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާއިން ކަށަވަރުކޮށްދޭ މުހިންމު އަސާސެއްކަން ފާހަގަކުރައްވާ އެ ކަމަނާ ވިދާޅުވީ، އެ ޙައްޤު ކަށަވަރުކޮށްދިނުމުން ކުޑަކުދިންނާ ގުޅޭ ކަންކަން ނިންމުމުގެ ފެންވަރު ރަނގަޅުވެ، ނަތީޖާ ރަނގަޅުވާނެ ކަމުގައެވެ.

އެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އިއްތިފާގުން މި އަހަރުގެ ކުޑަކުދިންގެ ދުވަސް ދިމާވެފައި ވަނީ ކުޑަކުދިންނާ ގުޅޭ ވަރަށް މުހިންމު ޤާނޫނެއް ކަމުގައިވާ ‘ކުޑަކުދިންގެ ޢަދުލުގެ ގާނޫނަށް’ އަމަލު ކުރަން ފަށާ ދުވަހާކަން ފާހަގަކުރައްވާފައެވެ. އަދި އެ ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނާ ޚިލާފްވާ ކުޑަކުދިންނާމެދު އެ ޤާނޫނުގެ ދަށުން އެއްވެސް މަރުޙަލާއެއްގައި ގޮތް ނިންމާއިރު، އެ ނިންމުމުގައި ބައިވެރިވެ އެ ނިންމުމާމެދު ކުއްޖާ ދެކޭގޮތް ހާމަކުރުމުގެ ޙައްޤު ކޮންމެ ކުއްޖަކަށް ލިބިގެންވާކަން ވެސް އެ ކަމަނާގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު އެ ޤާނޫނުގެ ދަށުން ކުއްޖެއްގެ މައްޗަށް ޖިނާޢީ ކުށެއްގެ ދަޢުވާއެއް އުފުލޭ ހާލަތުގައި، ޤާނޫނީ ވަކީލެއް މެދުވެރިކޮށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް މެދުވެރިކޮށް، ނުވަތަ އެ ކުއްޖާ އަމިއްލައަށް އެ މައްސަލައާމެދު އެ ކުއްޖާ ދެކޭގޮތް ނުވަތަ ބުނަން ބޭނުންވާ އެއްޗެއް ބުނުމުގެ ޙައްޤު ލިއްބައިދޭކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިއްޔެ ދެއްވި މެސެޖުގައި އެ ކަމަނާ ވަނީ ޒިންމާއާ ނުލާ، ބަސްބުނުމުގެ ޙައްޤެއް ވެސް އަދި އެހެން އެއްވެސް ޙައްޤެއްގެ ބޭނުން ވެސް ނުހިފޭނެކަން ހުރިހާ ކުޑަކުދިން ވެސް ހަނދާން ބެހެއްޓުމަށް އެދިލައްވާފައެވެ. އެހެންކަމުން ކޮންމެ ކުއްޖަކަށް ވެސް އޮތް ޒިންމާއަކީ ކުށްކުރުމުން ދުރުހެލިވެ އަދި ކުށްކުރާ މީހުންނާ ވެސް ދުރުހެލިވުންކަމުގައި އެ ކަމަނާ ވިދާޅުވިއެވެ. އަދި ކުޑަކުދިންގެ ޢަދުލުގެ ޤާނުނުގެ ރޫޙަކީ އެއްވެސް ޙާލެއްގައި ކުޑަކުދިންނަށް ހަރުކަށި އަދަބު ދިނުން ނޫންކަމަށާއި، އޭގެބަދަލުގައި އެ ޤާނޫނުން ހޯދާދެނީ އިސްލާޙްވުމަށް ފުރުޞަތުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފާހަގަކުރައްވާފައެވެ.

އެ ކަމަނާގެ މެސެޖު ނިންމަވައިލެއްވީ، ކުށެއް ކުރެވިއްޖެނަމަ ކޮންމެ ކުއްޖަކު ވެސް އެ ކަމެއްގެ ޒިންމާ ނަގައި މަޢާފަށް އެދި، ރިހެބިލިޓޭޓިވް ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް ދެވޭ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ނަޞޭހަތްތެރިވެ ވަޑައިގެންނަވަމުންނެވެ. އަދި، ކުޑަކުދިންނާ ގުޅޭ ކަންތައްތަކުގައި ދަޢުލަތުގެ އިދާރާތަކުން އިތުރަށް ހުޝިޔާރުވުމަށް ގޮވައިލައްވަމުންނެވެ.