English Edition
Dhivehi Edition

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފަ އެވެ. އިލްޔާސްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ލިބޭ އާމްދަނީއަށްވުރެ ރިކަރަންޓް ޚަރަދު ބޮޑުވުމެވެ.

އެގޮތުން” ދައުލަތައް ލިބޭ އާމްދަނީ އަށް ވުރެ ބޮޑު އެއްޗެއް ރިކަރަންޓަށް ހަރަދުކުރަން ފެށީމަ އެބޮވެނީ ބޮނޑިއެއް” ކަމަށް އިލްޔާސް ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގައި ހުޅުދޫ ދާއިރާ ތަމްސީލް ކުރައްވާ މެމްބަރު އިލްޔާސް މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ވިދާޅުވީ ކަންބޮޑުވާވަރަށް ދައުލަތުގެ ހަރަދު ބޮޑުވެފައިވާކަމަށެވެ. ސަރުކާރުގެ ހަރަދު ބޮޑު ކުރާނަމަ އާމްދަނީ ވެސް ބޮޑުވާން ޖެހޭނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 17 ބިލިއަން ކަމަށާއި، ހަމައެކަނި ރިކަރަންޓު ޚަރަދަށް 22 ބިލިއަން އޮތުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމުގައި އިލްޔާސް ފާހަގަކުރެއްވި އެވެ. އަދި ދައުލަތުގެ ޚަރަދު ކުޑަކުރަންޖެހޭ ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާފައިވަނީ 34 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ކޮވިޑް-19 އާއި ގުޅިގެން އަލުން މުރާޖާއަ ކުރި ބަޖެޓަށްވުރެ ތިން ބިލިއަން އިތުރު އަދަދެކެވެ.

އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ވެސް ބަޖެޓެކެވެ.

މި މަހުގެ 26 ވަނަ ދުވަހު ބަޖެޓު ވޯޓަށް އަހަން މަޖިލީހުން ވަނީ އަމާޒު ހިފައިފައެވެ.