English Edition
Dhivehi Edition

ހޯރަފުށީ އެއާޕޯޓް ހުޅުވާނީ ނޮވެމްބަރު 19 ގައި ކަމުގައި ހަމަޖައްސައިފިއެވެ. އެއާޕޯޓް ހުޅުވުން ފަސްކޮށްފައި މިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ރާއްޖޭގެ މޫސުން ގޯސްވެ ހއ އިން ތ އަތޮޅަށް ހުދުއެލާޓް ނެރެފައިވުމުގެ ސަބަބުން ، އެއާޕޯޓް ހުޅުވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ދަތުރުފުޅުވެސް ވަނީ ފަސްކުރެވިފައެވެ. އެއާޕޯޓް ހުޅުވުމަށްޓަކައި މުޅިރަށް ޒީނަތްތެރިކޮށްފައި ރައީސަށް މަރުހަބާ ކިޔަން ރަށު ރައްޔިތުން ތިބީ ތައްޔާރަށެވެ. މިހާރު ނިންމާފައި އޮތްގޮތުންނަމަ 19 ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރު އެއާޕޯޓް ހުޅުވުމުގެ ރަސްމީ ޖަލްސާ ފެށިގެންދާނެކަމަށް އެރަށު ކައުންސިލުން މައުލޫމާތުދީފައިވެއެވެ.

މިމަހު 16 ވަނަ ދުވަހު ޓެސްޓު ފްލައިޓް ޖައްސާފައިވާއިރު ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ 17 ވަނަ ދުވަހު ރަސްމީކޮށް އެއާޕޯޓް ހުޅުވޭނެކަމަށެވެ. އެހެންނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން މިރަސްމިއްޔާތު ފަސްކުރީއެވެ.

އެއާޕޯޓަށް މުވައްޒަފުން ނެގުމަށް ވެސް މިހާރުވަނީ އިއުލާންކޮށްފައެވެ. އެގޮތުން 12 ދާއިރާއަކުން 19 މީހުންނަށް ވަޒީފާގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.

މިއެއާޕޯޓްގެ އަމަލީ މަސައްކަތް ފެށިގެން ދިޔައީ މިދިޔަ އަހަރު އޭޕްރީލްމަހުގައެވެ. ކުރުމުއްދަތެއްގެ ތެރޭގައި ބިންހިއްކައި،1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭގޮތަށް ތަރައްޤީކޮށްފައިވާ މިއެއާޕޯޓްގައި 8635 ސްކުއަރ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9473 ސްކުއަރ މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ސްކުއަރ މީޓަރުގެ ފަޔާ އެކްސެސް މަގެއްވެސް ހިމެނިފައިވެއެވެ. މިއީ ރާއްޖޭގެ އެންމެ އުތުރުގައި ތަރައްޤީކޮށްފައިވާ އެއާޕޯޓެވެ.