English Edition
Dhivehi Edition
ފޮޓޯ: މިހާރު.ކޮމް

ކޮވިޑް-19ގެ ސަބަބުން އަޅުގަނޑުގެ އުފަން ރަށުގައި 6 މަހެއްހާ ދުވަހު ހުރުމަށް ފަހުން މާލެ އާދެވުމުން މާލެ ކޮންމެވެސް ވަރަކަށް ބަދަލުވެފައިވާކަން ފާހަގަކުރެވުނެވެ. ފެތުރެމުން މިދާ ބަލިމަޑުކަމުގެ ސަބަބުން ފިހާރަތަކާއި ރެސްޓޯރަންޓުތަކަށް ގެނެސްފައިވާ ބަދަލުތަކެވެ. މާލެ އާއި ހުޅުމާލޭގައި ހިނގަމުންދާ އެކި ކަހަލަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެވެ. ކޮވިޑް-19ގެ ކުރިއާއި އަޅާ ކިޔާލާއިރު ނިސްބަތުން މަގުމަތިން ފެންނަ މީހުން މަދުކަންވެސް ފާހަގަކުރެވުނެވެ. އެހެން ނަމަވެސް މަގުމަތިން އާ ކަމެއް މިފަހަރު ފާހަގަކުރެވުނެވެ. ހަބަރުގެ ސުރުހީގައި ބަޔާންކޮށްފައި އެ ވަނީ މިހާރަކަށް އައިސް މާލޭ މަގުމަތިން އާންމުކޮށް އިވޭ އަޑެކެެވެ.

މާލޭގައި އާންމު ގޮތެއްގައި މީހުން ގޮސް އުޅޭ ޕާކު ތަކާއި ރެސްޓޯރަންޓުތައް ކައިރީގައި މިފަދަ ގޮތްގޮތަށް އެހީ ހޯދުމަށް ތިބޭ ބިދޭސީން ފެނުން ވެގެން ދިޔައީ އަޅުގަނޑަށް ވަރަށް ހައިރާންކުރުވަނިވި މަންޒަރަކަށެވެ. އެކަންތައް ވެގެން ދިޔައީ މަޑު މަޑުން މިގައުމު މިދާ މިސްރާބާއި މެދު ވިސްނާލެވުނުވެސް ކަމަކަށެވެ. ގައުމަށް ބޭނުންވާ ވަރަށް ވުރެން ގިނައިން ބިދޭސީން އެތެރެ ކޮށްފިއޭ މީގެ އެތައް އަހަރެއް ކުރީއްސުރެ ބައެއް ދިވެހިން އައީ ކިޔަމުންނެވެ. ތަރައްގީގެ މަޝްރޫއުތައް ގިނަ ކަމުގައިވީ ނަމަވެސް ކުރާނެ މަސައްކަތެއް ނުލިބިފައި ތިބި ބިދޭސީން، ހާއްސަ ގޮތެއްގައި ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުން ގިނަ ކަމަށް އަޅުގަނޑުމެން އެންމެން ވެސް އައީ ބުނަމުންނެވެ. ސަރުކާރުން މިހާތަނަށް މިއަހަރު އެކަނިވެސް 1500 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާއިރު އަނބުރާ ގައުމަށްދާން ބޭނުންވި ކަމުގައި ވީނަމަވެސް އެ ފުރުސަތު ނުލިބިތިބި އެތަށް ބިދޭސީންނެއް އެބަތިއްބެވެ. ކޮވިޑް-19ގެ ސަބަބުން އާމްދަނީ ލިބެމުން އައި ދޮރުތައް ބަންދުވެ، ގައުމަށް ދާން ބޭނުންވި ކަމުގައި ވީނަމަވެސް ގައުމަށް ނުދެވި އިތުރަށް ނިކަމެތި ވަމުން އަންނަ ކަމަށް މިގޮތަށް ސަލާންޖަހަން ތިބޭ ބައެއް މީހުން ވަނީ ބުނެފައެވެ.

މާލޭގައި މިގޮތަށް ސަލާން ޖަހަން ތިބޭ ގިނަ މީހުންނަކީ އަމިއްލަ އަށް މަސައްކަތްކޮށްގެން ލާރި ހޯދޭނެ ފަދަ މީހުންނޭ ވަރަށް ގިނަ މީހުން ބުނެ އުޅެއެވެ. މިގޮތަށް އާންމު ގޮތެއްގައި ފެނިގެން ދަނީ ވެސް ދިވެހީންނެވެ. ގިނަ ފަހަރު ދިވެހީން ސަލާން ޖަހަނީ އާއިލާ މީހަކު ނުވަތަ އަމިއްލަ މީހާގެ ގައިގައި ހުންނަ ކޮންމެވެސް ބަލިމަޑުކަމަކުން ސަލާމަތްވުމަށް ބޭސްފަރުވާ ކުރުމަށް ކަމަށް ބުނެ ކަމުގައި ވީނަމަވެސް ބިދޭސީން ލާރި ހޯދަން އެދޭ ސަބަބު ތަފާތެވެ. ކޮންމެވެސް ވަރަކަށް ދިވެހިންވެސް ބަދުނާމުވާ ފަދަ ގޮތަކަށް އެމީހުން ލާރިއަށް އެދެނީ ނުހަނު އާދޭހާ ފުންއަސަރުތަކާއި އެކުއެވެ. އެގޮތުން ދިމާވި އެއް ބިދޭސީއަކު ފާހަގަކުރި ގޮތުގައި އޭނާ ލާރިއަށް އެދެން ޖެހުނީ ކުރާނެ މަސައްކަތެއް ނެތުމުގެ ސަބަބުންނެވެ. އެއީވެސް ތެދެއްކަމުގައި ވެދާނެއެވެ. އަޅުގަނޑުމެން ދިވެހިން އަމިއްލަ ގައުމުގައި އަދާ ކުރަމުން އައި ވަޒީފާ ގެއްލި ބިކަވި ގޮތަކަށް ބިދޭސީންނަށް އެހެންވުން މާ ބޮޑަށްވެސް ގާތެވެ. އެމީހުން ވަޒީފާ ގެއްލި ބިކަވުމުގެ ފަހަތުގައި ޒިންމާ ނަގަން ޖެހެނީ އެމީހުން މަސައްކަތް ކުރުވާ މުސާރަ ދޭނެ ކަމަށް ވައުދުވެ ގެނައި ކޮންމެވެސް ދިވެހިރައްޔިތެކެވެ.

ދިމާވި އެހެން ބިދޭސީއަކު ލާރީގެ ބަދަލުގައި އެދުނީ ކުރާނެ މަސައްކަތެއް ހޯދައިދިނުމަށެވެ. މަގުމަތިން ހިނގާލައިފައި ދަނިކޮށް މަގުގެ ޕޭވްމެންޓުގއި ހުއްޓިގެން ހުރެފައި އޭނާ އާއި އަރާ ހަމަވުމުން އޭނާ އަހާލީ “ބޭބޭ، ގޭތެރެ ސާފުކުރާ ކަހަލަ ވަޒީފާ ބޭނުން” މިހެންނެވެ. ހަގީގަތުގައިވެސް މިއަޑު އިވި އެމީހުން މިގައުމުގައި ނިކަމެތި ކޮށްލެވިފައިވާ މިންވަރު އިހުސާސް ކުރެވުނެވެ. އެމީހުން މިއަދު އެ ސަލާން ޖަހަނީ ކުރާނެ މަސައްކަތެއް ހޯދުމަށެވެ. އަމިއްލަ އާއިލާއާއި ލޯބިވާ މީހުން ދޫކޮށް ދިވެއްސެއްގެ ބަހަށް ހެއްލިގެން މިގައުމަށް ހެޔޮނިޔަތުގައި މަސައްކަތް ކޮށްދިނުމަށް އައުމުން މިފަދަ ދުވަސްވަރެއްގައި އެމީހުން ނިކަމެތިކޮށްލެވުނު މިންވަރު އިހުސާސްކުރެވުނެވެ.

ކޮންމެ ބައެއްގެ ތެރޭގައިވެސް ހެވާއި ނުބައި އެކި މިންވަރަށް ވިސްނިިފައި ތިބޭ މީހުން ތިބޭނެއެވެ. އަޅުގަނޑުމެން ދިވެހީންގެ ތެރޭގައިވެސް މާރާމާރީ ތަކާއި ވައްކަން ކުރާ މީހުންވެސް އެބަތިއްބެވެ. ބިދޭސީންގެ ތެރެއިން މަދު ބައެއް އެފަދަ ކަމެއް މިގައުމުގައި ކުރުމުން އެ މީހުންގެ ނަން ކިލަނބުކޮށް އިހާނެތި ގޮތްތަކަށް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ދިވެހިން ކަންތައް ކުރިއެވެ. އެމީހުން ލިބޭ ކުޑަ މުސާރަ ގައުމުގައި ތިބި އަނބިދަރީންނަށް ފޮނުވާލަން ޖެހުމުން ސާފުތާހިރުވެ ރީތިވާ ސާމާނަށް ހަރަދުކުރާނެ މިންވަރަށް އަތުގައި ފައިސާ ނެތުމުގެ ސަބަބުން ގައިން ނުބައި ވަސް ދުވުމުން މަލާމާތްކުރާ ދިވެހިންވެސް ވަރަށް ގިނައެވެ. އެމީހުންނަށް ލިބެންޖެހޭ ހައްގުތަކެއް ހޯދުމަށް ވަކާލާތުކުރުމުންވެސް ގޯސްވީ ހަމަ އެމީހުންނެވެ. ފަރުދާގެ ފުރަގަހުގައި ފޮރުވިފައިވަނީ ކިހާ ހިތްދަތިކަމެއްތޯ ބަލާލުމެއްނެތި އެމީހުންނަށް ހަޖޫ ޖަހާ އެމީހުންގެ ދިރިއުޅުމަށް ދަތިކުރެވިފައިވާ ހާލަތްތަށްވެސް ވަރަށް ގިނައެވެ.

ކޮވިޑް-19ގެ މިފަދަ ދަތި ދުވަސްވަރެއްގައި އަޅުގަނޑުމެން ދިވެހިންނަށް މިދެއްކެނީ އެންމެ ރަނގަޅު މިސާލުތޯ އަމިއްލަ ނަފުސާ ސުވާލުކޮށް ވިސްނަންޖެހެއެވެ. އަޅުގަނޑުމެންގެ ފަސްގަނޑުގައި ބިދޭސީންތަކެއް ނިކަމެތިވެގެންދާއިރު މިއަދު އަޅުގަނޑުމެން އެ ހާލަތުގައި ތިބިނަމަ ކުރެވޭނެ އިހުސާސްތަކާއި މެދު އަމިއްލައަށް ވިސްނާލަންޖެހެއެވެ. އަޅުގަނޑު އެއްވެސް ހާލެއްގައި މި ދަންނަވަނީކީ އެފަދަ ބިދޭސީން ގެއަށް ވައްދައިގެން އެމީހުންނަށް އަޅާލުމަކަށް ނޫނެވެ. އެހެން ނަމަވެސް ފޮނި ހުވަފެންތަކެއް ދައްކާ ނިކަމެތި ބިދޭސީންތަކެއް ދިވެހި ގައުމަށް ގެނެސް ބިކަކޮށްލި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް ފިޔަވަޅު އަޅައި މިފަދަ ކަންތައް ތަކުރާރުވުން ހުއްޓުވޭނެ ގޮތެއް ހޯދުމަށެވެ.

ޓެގު