English Edition
Dhivehi Edition

ސައުދީ އަރަބިއްޔާގައި ދެވޭ އެންމެ މަތީ ޝަރަފު “ކޮލަރ އޮފް އަބްދުލްއަޒީޒް އަލް ސައުދު”ގެ ޝަރަފު ޑޯނަލްޑް ޓްރަމްޕަށް ސައުދީ އަރަބިއްޔާ އިން އެރުވުމާ ގުޅުގެން މުސްލިމު ޤައުމުތަކުން ސައުދީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.މުސްލިމު ޤައުމުތަކާއިމެދު ގިނަ ތަފާތުކުރުންތަކެއް ގެންގުޅުއްވާ ޓްރަމްޕްގެ ވެރިކަމުގައި ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ސައުދީ ވެރިރަށް ރިޔާޒުން ވަނީ ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕްއަކީ މުސްލިމުންނާއި ދެކޮޅަށް ގިނަ ވާހަކަތަކެއް ދައްކައި، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މުސްލިމުންނަށް އެމެރިކާއަށް ވަނެ ނުދިނުމަށް ގަރާރެއްފާސްކޮށް، މުސްލިމުންނަށް ދަތިކުރުމުގެ ގޮތުން ވަނީ އެތައް ފިޔަވަޅެއް އަޅާފައެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ސައުދީ ރަސްގެފާން ސަލްމާން މިފަދަ ޝަރަފެއް އެރުވުން ގިނަ ބަޔަކު ބުނެފައިވަނީ މިއަދު މުސްލިމު ގައުމުތަކަށް ދިމާވެފައިވާ ދަތިއުދަގޫ ހާލަތްތަކުގެ ޒިންމާ އެމެރިކާއާއި ސައުދީ އަރަބިއްޔާ އިން ނަގަންޖެހޭނެ ކަމުގައެވެ. މުސްލިމުންނާއި އިސްލާމްދީނާއި ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަމުންދާ ފަރާތަކަށް މިފަދަ ޝަރަފެއް މުސްލިމު ގައުމަކުން އެރުވުމަކީ އިސްލާމީ ގައުމުތަކުގެ ވެރިން ލަދު ގަންނަން ޖެހޭނެ ކަމެއް ކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ. ޓިރަމްޕުގެ ކަރުގައި ސައުދީ ރަސްގެފާން އެޅުވި މެޑަލާ ބެހޭ ގޮތުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޓްރަމްޕަށް މަލާމަތްކޮށްފައިވާ އިރު އެމީހުން އެކަން ސިފަކޮށްފައިވަނީ މުސްލުމުންނަށް ޖޯކް ޖަހާފައިވާ މީހަކު މުސްލުމުން ކުރިމަތީގައި އިސްޖަހާލަން ޖެހުން ކަމުގައެވެ. ވެރިކަމަށް އިންތިހާބުވުމުގެ ކުރިންވެސް ވިޔަފާރީގެ ގޮތުން ސައުދީ އަރަބިޔާ އާއި ގާތްގުޅުމެއް އޮންނަ ޓްރަމްޕަށް ސައުދީން އަރުވި ޝަރަފަކީ ކަންދެއްކުމަށް އަރުވާފައިވާ ޝަރަފެއް ކަމުގައި މުސްލިމް ގައުމުތަކުގެ ވެރިންވަނީ ބުނެފައެވެ. މީގެ އިތުރުން ޓްރަމްޕް ސައުދީއަށް ކުރި ދަތުރާއި އެކު އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ ވިޔަފާރި ސައުދީއަށްވެ އެ ޤައުމުގެ އަސްކަރިއްޔާގެ ބާރު ގަދަ ކުރުމަށްވެސް ވަނީ މަގުތަކެއް ހުޅުވިގެން ގޮސްފައިކަމަށް އެމީހުން ވަނީ ތުހުމަތުކޮށްފައެވެ. “ކޮލަރ އޮފް އަބްދުލްއަޒީޒް އަލް ސައުދު” ގެ ޝަރަފަކީ މުސްލިމު ނޫން ދައުލަތްތަކުގެ ވެރިންނަށް ސައުދީން އަރުވާ އެންމެ މަތީ ފެންވަރުގެ ޝަރަފުކަމުގައިވާއިރު މި ޝަރަފު ރައީސް ޓްރަމްޕް ފިޔަވައި ދެން އަރުވާފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް ޙުސައިން އޮބާމާ އަށެވެ.