English Edition
Dhivehi Edition

ގއ، ނިލަންދޫ އިން ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމަށްޓަކައި ފުވައްމުލަކު ސިޓީ ކައުންސިލައް ބިން ދޫކުރުމާ ގުޅޭގޮތުން ގއ. ނިލަންދޫ ކައުންސިލާއި ފުވައްމުލައް ސިޓީ ކައުންސިލާ ދެމެދު އެކުލަވާލެވުނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިރޭ ސޮއިކުރެވުނު މި އެއްބަސްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް އަދި ނިލަންދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ނާސިހް އިބްރާހިމް އެވެ.

މިރޭ ސޮއިކުރެވުނު އެއްބަސްވުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ނިލަންދޫ ކައުންސިލުގެ ރައީސް، ނާސިހް އިބްރާހިމް ވިދާޅުވިގޮތުގައި އެއްބަސްވުމުގެ ދަށުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ސަރަހައްދުންނެވެ.

“އަޅުގަނޑުމެންގެ އިންނާނެ ކޮމާޝަލް ފާރމިންގ އޭރިއާއެއް، އެ އޭރިއާގެ ތެރެއިން އަޅުގަނޑުމެން މި ހުޅުވާލަނީ ކޮމާޝަލް ލެވެލް އެއްގައި ފާރމިންގ އަށް. އޭގެ ތެރެއިން އަޅުގަނޑުމެންގެ ލޯކަލް ފާރމިންގއަށް ވެސް ފައިދާ ކުރުވަނިވި ގޮތަކަށް ފާރމިންގ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަހަލަ ގޮތަކަށް ކޮމާޝަލް އަށް މި ސަރަހައްދެއް ދޫކޮށްލެވެނީ.” ނާސިހް ވިދާޅުވިއެވެ.

ނިލަންދޫގައި ދިވެހިރާއްޖޭގައި އާންމުކޮށް ހައްދައި އުޅޭ މޭވާ، ތަރުކާރީ އަދި ފަތްޕިލާވެލި ދަނޑުވެރިން ހައްދާ އުޅެއެވެ. މީގެ އިތުުރުން ލައިވް ސްޓޮކް، ނުވަތަ ކުކުޅު އަދި ބަކަރި، އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައި އޮންނަ ސަރަހައްދުގައި ގެންގުޅެއެވެ. ނާސިހް ވިދާޅުވިގޮތުގައި މި އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ބިންތަކުގައި ކުރެވޭނީ ކޮންކަހަލަ ބާވަތެއްގެ ދަނޑުވެރިކަމެއްތޯ ފުވައްމުލައް ސިޓީ ކައުންސިލާއި އެކު މަޝްވަރާކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ނިންމިގެންދާނެ ކަމަށާއި މަގުސަދަކީ ވީހާވެސް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލެވުން ކަމަށެވެ.

ސޮއި ކުރެވުނު އެއްބަސްވުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ ކައުންސިލުގެ މޭޔަރ އަބްދުﷲ ފަލާހް ޝަރީފް ވިދާޅުވިގޮތުގައި ދާދި ފަހުން ފުވައްމުލަކުގައި ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް އެއްކުރެވުނު މައުލޫމާތުން ފުވައްމުލަކުގައި ފުޅާ ދާއިރާއްގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތައް އަދި ކުންފުނިތައް އެބަތިބި ކަމަށާއި އެ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަނޑުވެރިކަން ކުރާނެ ބިން ފުވައްމުލަކުން ލިބެން ނެތްކަން ކަމަށެވެ.

“ފުވައްމުލަކުގައި އެހާ ގިނަ މީހުންނަށް ދަނޑުވެރިކަން އެހާ ފުޅާ ދާއިރާއެއްގައި ކުރަން ދޭނެ ބޮޑެތި ބިން ތަކެއް ނެތް، މި ސޮއި ކުރެވުނު އެއްބަސްވުމާއި އެކު ލިބިގެންދިޔައީ ވަރަށް ބޮޑު އެހީއެއް. އަޅުގަނޑުގެ އުއްމީދަކީ މި ފުރުސަތު އަޅުގަނޑުމެން ނަގާނުލާ ފުވައްމުލަކާއި ނިލަންދޫގެ ރައްޔިތުންނަށްވެސް ފައިދާ ހުރި ގޮތްތަކެއްގެ މަތިން މި ބިންތައް ރަނގަޅަށް ބޭނުންކުރެވޭނެ ގޮތެއް ވެގެން ދިއުން.” މޭޔަރ ފަލާހް ވިދާޅުވިއެވެ.

މޭޔަރ ފަލާހް އިތުރަށް ވިދާޅުވިގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ނިލަންދޫއިން ބިން ދޫކުރުމުގައި ކުރަންޖެހޭ ކަންތައްތައް ކުރިއަށް ގެންދިއުމަށް އަމަލުކުރަންޖެހޭ ކަންތައްތަކަށް މަގު ދައްކުވައިދޭނެ ކަމަށެވެ. އަދި މި ބިންތައް ދޫކުރުމުގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަ ކުރެވި ބިން ދޫކުރުމުގައި ބަލާނެ ކަންތައްތަކާއި ދޫކުރެވޭ ބިމުގެ ބޮޑުމިން އަދި ބިމާއި ގުޅުން ހުރި އެހެން ކަންތައް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ނިންމައި ނިލަންދޫ ކައުންސިލާއި ހިއްސާކުރެވޭނެ ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ގއ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ފުއާދު ވިދާޅުވިގޮތުގައި ފުވައްމުލައް ސިޓީއާއި ގއ އަތޮޅާއި ދެމެދު ސޮއިކުރެވުނު ސިސްޓަރ އައިލަންޑް ކޮންސެޕްޓުގެ ސަބަބުން ދެ އަތޮޅުގައި ހުރި ވަސީލަތްތައް އެއްބަޔަކު އަނެއް ބަޔަކާއި ހިއްސާ ކުރުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށެވެ.

“އަޅުގަނޑުމެންގެ އަތުގައި ހުރި ވަސީލަތެއް ނިލަންދޫގައި ދަނޑުވެރިކަން ކުރުމަށް އޮތް ބިމުގެ ސަރަހައްދަކީ، އެއީ ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމަށް ކުރީއްސުރެން ކަނޑައެޅިފައި އޮންނަ ސަރަހައްދެއް. ފުވައްމުލައް ސިޓީ ކައުންސިލުން ކުރި ވަރަށް ބޮޑު ރިކުއެސްޓެއް މިއީ އެ ރަށުގެ ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ބިން ހޯދައިދިނުން. އެއީ ވިޔަފާރި އުސޫލުން ވިއަސް. އެކަމާއި ގުޅިގެން އަޅުގަނޑުމެން ގއ. އަތޮޅު ރަށްތަކުގެ ކައުންސިލާއި އެކު ކުރެވުނު މަޝްވަރާ ތަކުން ނިލަންދޫއިން އެންމެ ފުރަތަމަ އިޖާބަ ދީގެން މިއަދު މިއާދެވުނީ އެމްއޯޔޫ އަކާއި ހަމައަށް.” ފުއާދު ވިދާޅުވިއެވެ.

ގއ. ނިލަންދޫގެ ދަނޑުވެރިން ދަނޑުތަކުގައި ހައްދާ އުޅޭ ގިނަ ތަރުކާރީ އަދި މޭވާތައް އެ ރަށުގެ ކައިރީގައި ހުރި ރިސޯޓް ފަދަ ތަންތަނަށް ވިޔަފާރި އުސޫލުން ވިއްކާ އުޅެއެވެ. މީގެ އިތުރުން ކޫއްޑޫ އަދި މާލެއަށް ވެސް ދަނޑުތަކުގައި ހެއްދޭ ތަކެތި ވިއްކުމަށް ފޮނުވައި އުޅެއެވެ.