English Edition
Dhivehi Edition
މަރަދޫ ސިއްހީ މަރުކަޒު

އައްޑޫސިޓީގެ މަރަދޫ ސިއްހީ މަރުކަޒާއި އައްޑޫ މެޑިސިޓީ ގުޅިގެން ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މަރަދޫ ހެލްތު ސެންޓަރ އިން ބުނެފިއެވެ.

މަރަދޫ ސިއްހީ މަރުކަޒުގެ ކޮމިޔުނިޓީ ހެލްތު އޮފިސަރ މުޙައްމަދު ޝިޔާޒް “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕްރޮގްރާމަކީ އާންމުކޮށް ހުޅުވާލައިގެން ހުރިހާ އުމުރެއްގެ މީހުންނަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

ނޮވެމްބަރު 14 ވާ ހޮނިހިރު ދުވަހުގެ 16:00 އިން 18:00 އަށް މަރަދޫ ސިއްހީ މަރުކަޒުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ޑޮކްޓަރަށް ދެއްކުމާއި ތަހުލީލު ކުރުމާއި ސްޕޯޓްސް ފިޒިއޮތެރަޕީގެ ޚާއްޞަ މައުލޫމާތު ދިނުމާއި ސިއްޙީ މައުލޫމާތު ދިނުމުގެ އިތުރުން ބީ. އެމް. އައި ބެލުން ވެސް ކުރިއަށް ދާނެ ކަމަށް ވެސް ޝިޔާޒް ވިދާޅުވިއެވެ.

“މިއީ ވަކި ހަކުރު ބަލީގެ މީހުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ނޫން. ކޮންމެ އުމުރެއްގެ ކޮންމެ މީހަކަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އަންނަ އިރު މާސްކު އަޅައިގެން އައުމަކީ ވަރަށް ބޮޑަށް އެދެވިގެންވާކަމެއް” ޝިޔާޒް ވިދާޅުވިއެވެ.

މަރަދޫ ސިއްޙީ މަރުކަޒުން މީގެ ކުރިން ވެސް މިފަދަ ޚާއްޞަ ދުވަސްތަކާ ދިމާކޮށް ތަފާތު އެކިކަހަލަ ޕްރޮގްރާމުތައް ހިންގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.