English Edition
Dhivehi Edition
ނައިބު ރައީސް، މާލޭ ސަރަޙައްދުގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުން - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލޭ ސަރަޙައްދުގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިއްޔެ ހަވީރު ވަނީ، މާލެ ސަރަޙައްދުގެ ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ވެސްޓުޕާކު ސަރަޙައްދުގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ތަރައްޤީކުރަމުން ގެންދާ ބަސްހުއްޓި ބިނާކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ސަރަޙައްދު ސާފުކުރުމަށްފަހު އެ ސަރަޙައްދުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އަލަށް ހަދަމުންދާ ޕާކިންގ ޒޯނުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ ޢާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގައި ޝާމިލުވާ އެސް.ޓީ.އޯ. އާއި މާލެ ސިޓީ ކައުންސިލްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ، އެ ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައެވެ. މިގޮތުން މާލެ ސަރަޙައްދުގެ ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ މަސައްކަތުގެ ތެރެއިން މާލޭގެ ކާރޫބާރޫ ބޮޑު ޓްރެފިކަށް ލުޔެއް ލިބޭނޭހެން ކަންތައްތައް އިންތިޒާމް ކުރަމުން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެ ބޭފުޅުންނަށް އިރުޝާދުދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަޙްމަދު ޢާދިލާއި، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.