ދިވެހިރާއްޖެގެ ވަޒީފާއާބެހޭ ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން މުވައްޒަފަކު ޚިދްމަތްކުރާ ކޮންމެ އަހަރަކު، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް، 30 ދުވަހުގެ ޗުއްޓީއެއް ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންވެއެވެ. އަދި މި މާއްދާގެ (ށ) ގައި ވާ ގޮތުން ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުންނޫނީ، އެމުވައްޒަފަކަށް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންނެއް ނުވެއެވެ.
ވަޒީފާގެ ގަވާއިދުން ވަޒީފާ އަދާ ކުރާ ފަރާތަށް އަދި ވަޒީފާ ދޭ ފަރާތަށް މިފަދަ ބާރުތަކެއް ލިބިދޭއިރު މި ބާރުގެ ބޭނުން ހިފެނީ އެންމެ އެދެވޭ ގޮތުގައިތޯ މިއީ މިއަދު ކޮށްލަން ރަނގަޅު ސުވާލެކެވެ. ގާނޫނުން ބާރުތަކެއް ލިބިދީފައި ވީ ނަމަވެސް އެ ހައްގުތައް މުވައްޒަފުންނަށް ހޯދައި ނުދޭ ނުވަތަ ލިބުމަށް ހުރަސް އަޅާ ވަޒީފާ ދޭ ފަރާތްތައްވެސް ވަރަށް ގިނައެވެ. އަދި މަސް ދަތުރު ދިއުމާއި، އާއިލާ މީހުންނާއި އެއްކޮށް ދަތުރު ދިއުން ނުވަތަ ރައްޓެއްސެއްގެ ކައިވެނި ހަފްލާއަށް ތައްޔާރުވުމަށް އެ ސަލާމުގެ ދުވަސްތަކުގެ ބޭނުން ކުރާ މުވައްޒަފުންވެސް ވަރަށް ގިނައެވެ.
އޮފީސްތަކާއި އަދި އެހެނިހެން ވަޒީފާ އަދާ ކުރާ ތަންތަނުގައި މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ބޭއްވޭ ހަފްލާތަކުގައި އަހަރުގެ ނުވަތަ ވަކި މަހެއްގެ އެންމެ ހާޒިރީ ރަނގަޅު މުވައްޒަފެއް ހޯދާ އެ މަގާމަކީ ޝަރަފުވެރި މަގާމެއްގެ ގޮތުގައި ފާހަގަ ކުރެއެވެ. މިކަމުގައިވެސް ހިޔާލު ތަފާތުވާ މީހުން އުޅެއެވެ. އެއްބަޔަކު ބުނާ ގޮތުން ލިބިދޭ ހައްގެއްގެ ބޭނުން ކުރުމުން އެއީ ހާޒިރީގެ ފެންވަރަށް އަސަރު ކުރަން ޖެހޭ ކަމެއް ނޫނެވެ. ނުވަތަ އެ ހައްގެއްގެ ބޭނުން ނުހިފުމަކީ ޝަރަފްވެރިކަމާއި އެކު ފާހަގަކުރަން ޖެހޭވެސް ކަމެއްނޫނެވެ. އެންމެ ހާޒިރީ ރަނގަޅު މުވައްޒަފަކު ހޯދާ އެކަން ފާހަގަކުރުން އެއީ ކުރަން ޖެހޭ ކަމެއްކަމަށް ދެކޭ މީހުން ބުނާގޮތުން އެއީ ހާޒިރީ އަށް ފަރުވާ ކުޑަ ކުރާ މުވައްޒަފުންނަށް ހާޒިރީ ރަނގަޅު ކުރުމަށް ނުސީދާ ގޮތުގައި ދެވޭ ހިތްވަރެކެވެ. އެގޮތަށް އެކަން ފާހަގަކުރުމުގެ ސަބަބުން އެ ޝަރަފު ހޯދުމަށް ބައެއް މުވައްޒަފުން ހާޒިރީ އަށް ފަރުވާތެރިވެފައިވާ ކަމަށްވެސްވެއެވެ.
ބަލި ހާލަތު ތަން ނުދިން ކަމުގައިވިއަސް މި ސަލާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މުވައްޒަފުންވެސް މި މުޖުތަމައުގައި ވަރަށް ގިނައިން އުޅެއެވެ. ރަނގަޅަށް ނިދާލުމަށް ސަލާމް ބުނާ މުވައްޒަފުންނާއި ރައްޓެހިންނާއި އެކު ސަކަރާތުގައި އުޅެލުމަށް ސަލާމް ބުނެއުޅޭ މުވައްޒަފުންވެސް ވަރަށް ގިނައިން ފެނެއެވެ. ލިބިދޭ ލުއި ފަސޭހައެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ސަބަބުން އޭގެ އަސަރުު އެންމެނަށްވެސް ކުރެއެވެ. އެއް މުވައްޒަފެއް ސަލާމް ބުނުމުން ވަޒީފާ އަދާކުރާ ތަނުގެ ހިންގުމަށް ދަތި ތަކެއް ކުރިމަތިވާއިރު އެދުވަހެއްގައި ވަޒީފާ އަށް ނިކުންނަ މުވައްޒަފުންނަ ޖެހޭ ބުރަ ވެސް އިތުރުވެއެވެ. މިކަމުގެ ސަބަބުން ބައެއް އިދާރާތަކުގައި ސަލާމް ބުނުމުގެ އަމިއްލަ އުސޫލުތައްވެސް އެކަށައަޅާފައި އެބަހުއްޓެވެ. އެގޮތުން އެންމެ ދުވަހަކަށް ސަލާމް ބުނި ކަމުގައި ވިއަސް މެޑިކަލް ސެޓުފިކެޓެއް ހުށައަޅަން މުވައްޒަފުންނަށް މަޖުބޫރުކުރުން ހިމެނެއެވެ.
މެޑިކަލް ސެޓުފިކެޓު ހޯދުމުގައިވެސް މަކަރާއި ހީލަތުން އެ މަސައްކަތް ކުރާ މީހުން އުޅެއެވެ. އެގޮތުން ބަލި ކަމަށް ބުނެ ހޮސްޕިޓަލް ނުވަތަ ކުލިނިކުން ސެޓުފިކެޓު ހޯދުމާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ގާތް މީހުން މެދުވެރިކޮށް މިކަން ކުރާ މީހުންވެސް ވަރަށް ގިނައެވެ. ވަކި އަދަދަކަށް ފައިސާ ދެއްކުމުން ފާއިތުވެ ގޮސްފައިވާ ދުވަސްތަކަށް ސެޓުފިކެޓު ލިބޭ ވާހަކަ އަދި ކުރިން ފާހަގަކޮށްލި ފަދައިން ބަލި ނޫން ކަމުގައި ވިއަސް ސެޓުފިކެޓު ލިބޭ ވާހަކަ އަޅުގަނޑުމެންނަށް ވަރަށް ގިނައިން އިވެއެވެ. މިހެން ކަންތައް ވުމުގެ ސަބަބުން ވަޒީފާ ދޭ ބައެއް ފަރާތްތަކަށް ވަކި ހޮސްޕިޓަލަކުން ނުވަތަ ކުލިނިކަކުން ސެޓުފިކެޓު ހޯދަން މުވައްޒަފުންނަށް މަގުބޫރު ކުރަން ޖެހިފައިވެސް އެބަހުއްޓެވެ.
މަސައްކަތުގައި ކިތަންމެ ރަނގަޅަށް ފަރުވާތެރިކަމާއިއެކު މަސައްކަތް ކުރި ކަމުގައިވިއަސް އަހަރު ނިމޭއިރު ނެގިފައި ހުންނަ ސަލާމުގެ ސަބަބުން މަސައްކަތުގެ ފެންވަރު ބެލުމަށް ހެދޭ ‘އެޕްރައިޒަލް’ އިން ފާސް ނުވާ މުވައްޒަފުންނާއި މަދުން ޕޮއިންޓު ލިބޭ މުވައްޒަފުންވެސް އެބަތިއްބެވެ. އެފަރާތްތައް ފާހަގަކުރާ ގޮތުގައި ސަލާމުގެ ގޮތުގައި ޗުއްޓީ ނަގާ ދުވަސްތަކުގެ ސަބަބުން މަސައްކަތުގެ ފެންވަރު ދަށް ކަމަށް ނިންމާކަށް ނުޖެހެއެވެ. އެއީ މަސައްކަތުގެ ފެންވަރު ބިނާ ވެގެން ވާންޖެހޭނީ އަދާ ކުރާ ވަޒީފާގައި ކުރަންޖެހޭ ކަންތައްތަކާއި މަސައްކަތުގެ މާހައުލުގައި މީހާގެ އަހުލާގާއި އުޅުން ބަހައްޓާ ގޮތުގެ މައްޗަށް ކަމަށްވެސް ބައެއް މީހުން ބުނެއެވެ.
ވަޒީފާއަކަށް ވަންނަ އިރު ވަޒީފާގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ހަދާފައިވާ އެއްބަސްވުމެއްގައި ވަޒީފާ އަދާ ކުރާ މުވައްޒަފާއި ވަޒީފާ ދޭ ފަރާތުން ސޮއިކުރެއެވެ. އޭގައި މުވައްޒަފަށް ސަލާމް ބުނުމުގެ ހައްގު ލިބިދީފައިވާއިރު ވަޒީފާއަށް ސަލާމް ބުނުމުން މުވައްޒަފުން ގޯސް ކުރުމުގެ ވިސްނުން ދޫކޮށްލަންޖެހެއެވެ. ނަމަވެސް އެއީ މުވައްޒަފުންވެސް ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އެކު ވަޒީފާގެ ގާނޫނުން ލިބިދޭ ހައްގުތަކަށް އިހުތިރާމުކުރާނަމައެވެ.