English Edition
Dhivehi Edition

މިޔަންމާ ނުވަތަ ބަރުމާގައި ދިރިއުޅެމުންދާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަކީ އެއްވެސް ގައުމަކަށް ނިސްބަތް ނުވާ އެންމެ ގިނަ އަދަދެއްގެ މުސްލިމުން ނިސްބަތްވާ ދަރިކޮޅެވެ. އެއްވެސް އަސާސީ ހިދުމަތެއް ނުލިބި ނިކަމެތި ހާލުގައި ދިރިއުޅެމުންދާ މިޔަންމާގެ މުސްލިމުންނަށް ސަލާމަތީ ބާރުތަކާއި ބުޑިސްޓުންގެ އަނިޔާވެރިކަން އަބަދުވެސް ދަނީ ކުރިމަތިވަމުންނެވެ. 2012 ވަނަ އަހަރު ރަހީން ސްޓޭޓުގައި މުސްލިމުންނާއި ބުޑިސްޓުންނާ ދެމެދުގައި ހިނގި ކުރިމަތިލުންތަކުގައި ވެސް 57 މުސްލިމުން މަރުވެފައިވާއިރު އަތައް މުސްލިމުންނެއް ވަނީ މަގުމަތިވެފައެވެ.

މިޔަންމާގައި ދިރިއުޅެމުންދާ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކު ވާހަކަ އަޑުއިވޭތާ ގިނަ އަހަރުތަކެއް ވެފައިވާއިރު އެ އަނިޔާތައް ބޮޑުވަމުން ގޮސް އެންމެ ފަހުން މިހާރު ވަނީ ހައްދުފަހަނައަޅައިފަ އެވެ. މިދިޔަ ހަފްތާގެ ހުކުރު ދުވަހު ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ބަޔަކު ފުލުހުންގެ ޕޯސްޓަކަށް ހަމަލާ ދިނުމާ ގުޅިގެން އެކަމުގެ ރައްދުގައި މިޔަންމާގެ ސަލާމަތީ ބާރުތަކުން ގެންދަނީ މުސްލިމުންގެ އަވަށްތަކަށް ވަދެގަނެ އެ މީހުން މަރައި، ގެދޮރުގައި ހުޅުޖަހަމުންނެވެ.ކުޑަކުދީންނާއި އަންހެނުން ކަތިލައި، އެމީހުން ގައިގައި އަލިފާން ރޯކޮށް އަންދަމުންގެންދަނީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތިއެވެ. އެއްވެސް ރަހުމެތްނެތި ކުޑަކުދިންނަށް އަނިޔާކުރަމުންދާއިރު ގިނަ ކުދިން މަރާލާފައިވަނީ އެކުދިންގެ ހަށިގަނޑާއި ބޯ ވަކިކުރުމަށްފަހު އެތައް ވޭނެއް ދިނުމަށްފަހުގައެވެ. ރިޕޯޓްތައް ބުނާގޮތުން މިޔަންމާ ސިފައިންގެ އަނިޔާވެރި އަމަލުތަކުގައި ފާއިތުވި އަށް ދުވަހުގެ ތެރޭގައި ރޮހިންގްޔާ މުސްލިމުންގެ ހަތަރު ސަތޭކަ މީހުން މަރުވެފައިވާއިރު އެތަށް ހާސްބަޔަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާކަމަށެވެ.

ބަރުމާގައި ދިރިއުޅެމުންދާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމުގެ އަމަލުތަކުން ސަލާމަތްވުމަށް ފާއިތުވި ދުވަސްތަކުގައި 73000 ރޮހިންޔާ މުސްލިމުން މިޔަންމާއިން ބަނގުލަދޭޝްއަށް އެތެރެވެފައިވެއެވެ. މިދިޔަ އެއްހަފްތާ ތެރޭ މިޔަންމާގެ މުސްލިމު ރެފިއުޖީން ގޮވައިގެން ދަތުރުކުރަމުންދިޔަ ތިން ބޯޓު ބަންޑުންޖަހާލުމުގެ ސަބަބުން 26 މީހުން ވަނީ މަރުވެފަވާއިރު އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 15 އަންހެނުންނާއި އަދި 11 ކުޑަކުދީން ހިމެނެއެވެ. ރެފިއުޖީންނާބެހޭ އދ. ގެ އިދާރާއިން ބުނެފައިވަނީ ރެފިއުޖީންގެ ގޮތުގައި މުސްލިމުންގެ ސަތޭކަ ހާހެއްހާ މީހުން ބަންގްލަދޭޝްގެ ސަރަޙައްދީ ރޮނގުގެ ކައިރިއަށް ޖަމާވެފައިރު ރެފިއުޖީންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންކަމުގައެވެ. އަދި އެ މީހުންނަށް ކާބޯތަކެއްޗާއި ހިޔާވަހިކަމާއި ސިއްޙީ ފަރުވާ އިންތިހާއަށް ބޭނުންވެފައިވާކަމަށް އަދ. އިންވަނީ ބުނެފައެވެ.

މީގެ އިތުރުން ރަހީން ސްޓޭޓަށް ކާނާގެ އެހީ ފޯރުކޮށްދިނުން އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)އިން ހުއްޓާލައިފައިވާއިރު އެހީ ހުއްޓާލަން ޖެހުނީ ސަލާމަތި ސަބަބުތަކާ ހެދިކަމަށް ޑަބްލިއުއެފްޕީން ނެރުނު ބަޔާނެއްގައިވަނީ ބުނެފައެވެ.މީގެ އިތުރުން މިޔަންމާ ސަރުކާރުން ވަނީ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީ ފޯރުކޮށްދޭ ފަރާތްތަކުން ރޮހިންޔާ ހަނގުރާމަވެރިންނަށްވެސް އެހީ ފޯރުކޮށްދޭ ކަމުގެ ތުހުމަތުތައްކޮށްފަ އެވެ.

މިޔާންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ މެދު އެގައުމުގައި ހިންގަމުން އަންނަ ރަހުމުކުޑަ ގަތުލުއާންމާ ދެކޮޅަށް އެތަކެއް ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އިސްލާމީ ގައުމުތަކުންނާއި އަދި އެނޫންވެސް ގައުމުތަކުން ދަނީ މިޔަންމާ އަސްކަރިޔާގެ އަމަލުތައް “ނަސްލެއް ނައްތާލުމަށް” ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ މިޔަންމާގެ އަސްކަރިއްޔާ އިން މީހުންގެ ހައްގުތަށް ނިގުޅައިގަނެ، އަނިޔާކޮށް، ރޭޕްކޮށް، މީހުން މަރަމުންދާކަމަށް ބުނެ އެ އަމަލުތައް ކުށްވެރިކޮށްފައެވެ.

ޕާކިސްތާނުގެ ނޯބަލް ޕްރައިޒް ވިނާ، މަލާލާ ޔޫސަފްޒައީ ބުނެފައިވަނީ ކުޑަކުދިން މަރައި، އެމީހުންގެ ގެތައް ބިމާ ހަމަކުރަމުންދާއިރު އެކުދީން އެއްވެސް މީހަކަށް ހަމާދީފައި ނުވާކަމަށެވެ. އެހެން ނަމަވެސް ރަހުމެއްނެތި އެކުދީންގެ ގެތައް އަންދައި ބިމާހަމަކުރަމުންދާ މަންޒަރު ފެނުމުން ހިތްކުދިކުދިވެފައިވާ ކަމަށެވެ. ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތް ޗަވުސޯލޫ ވިދާޅުވީ ބަންގުލަދޭޝްއަށްދާ ރޮހިންޔާ މުސްލިމުންނަށް އެ ގައުމުގެ ބޯޑަރު ހުޅުވައިދިނުމަށާއި، އެ މީހުންގެ ހުރިހާ ހަރަދެއް ބަލައްހައްޓާނެކަމަށެވެ.މީގެ އިތުރުން މިއަންމާގެ ރޮހިންޖާ ދަރިފަސްކޮޅުގެ މީހުންގެ އިންސާނީ ހައްގުތައް، އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ ހިމާޔަތްކޮށްދޭންޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ އާއި އެ ގައުމާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ދިވެހި ސަރުކާރުން ވެސް ވަނީ ނިންމާފައެވެ.