މިއީ ޏ. ފުވައްމުލައް ރަންދުވަރު އަޙްމަދު ސައީދު ލިޔުއްވަވާފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ގެނެސްދީފައިވަނީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ހިނގި ދުވަހު އަޙްމަދު ސައީދު ކުރެއްވެވި ތަޖުރިބާތަކެވެ.
ދިވެހިންގެ ތެރެއިން ބަޔަކާއި ސްރީލަންކާގެ ޕްލޮޓް ޖަމާއަތުގެ ޓެރަރިސްޓުންނާއި ގުޅިގެން 3 ނޮވެމްބަރ 1988 ވަނަ ދުވަހުގެ ފަތިހު މާލެއަރައި ނުރައްކާތެރި ހަމަލާއެއް ދޭންފެށިއިރު، އަޅުގަނޑު އުޅެނީ އެމް.އީ.އެސް.ގެ ދަރިވަރެއްގެ ގޮތުގައި މާލޭގައެވެ. އެރު އުޅުނީ މުލީއާގޭ ފުރަގަހުން އޮންނަ ހިތަށްފިނިވާ މަގުގެ ބުރުނީގޭ ހިމެނޭ ކޮށީގައި ހުންނަ ގެއެއްގައެވެ. ފަތިހު ހޭލެވެނީ ދެ ނާށި ތެޅުމުން ނިކުންނަ ކަހަލަ އަޑެއް އިވޭތީއެވެ. ތެދުވެ، ބޭބެ މުޙައްމަދު ވަޙީދުކުރެން އަހާލުމުން ނޮވެމްބަރ 11 އަށް ތައްޔާރުވުމަށް ސިފައިން ތަމްރީނެއް ހަދަނީ ކަމަށް ވެދާނެކަމަށް ބުނެފައި ބަންގި ގޮވަން ފެށުމުން އިސްލާމީ މަރުކަޒަށް ދިއުމަށް ނިކުތެވެ.
ހިސާބުގަނޑުގެ ހުރިހާ ގެތަކުންވެސް މީހުން ތެދުވެ އުޅެންފެށިއެވެ. އެކި މީހުން އެކިގޮތަށް ވާހަކަތައް ދައްކަން ފެށިއެވެ. ބޭބެ ފަތިސް ނަމާދުން ނިމިގެން ގެއަށް އައެވެ. ބަޔަކު އަރައި ހަމަލަ ދޭ ވާހަކަޔާއި މުލީއާގޭ ކުރިމައްޗަށް ދިވެއްސަކު ވެއްޓިފައި އޮތްވާހަކަ ބުންޏެވެ. އެ ހިސާބުން ހަތިޔާރާއެކު ކުރެވޭ ނުރައްކާތެރި ހަނގުރާމައެއްގައި މާލެ އޮތްކަން އެނގިއްޖެއެވެ. ދޭތެރެ ދޭތެރެއިން ބަޑީގެ ހަމަލާތަކުގެ އަޑު މުލީއާގެއާއި ރައީސް އޮފީހާއި ސިފައިންގެ މައި އިދާރާހުރި ހިސާބު ގަނޑުން އިވެއެވެ. އިސާހިތަކު ސިފައިންގެއިން ރައްދު ހަމަލާތައް ފޮނުވާލާ އަޑު އިވެން ފެށިއެވެ. ދިވެހި ސިފައިންގެ ރައްދު ހަމަލާ ދޭންފެށީ ވަރަށް ވަރުގަދަޔަށްކަން އެނގޭހާ ވަރަށް ހަމަލާގެ ބާރު ގަދައެވެ. އެކަން އެނގެނީ ޕްލޮޓް ޖަމާއަތުން ދެމުންދިއަ ހަމަލާތަކުގައި ބޭނުންކުރި ހަތިޔާރުން އިވޭ އަޑާއި ސިފައިންގެ ރައްދު ހަމަލާގެ އަޑުގެ ތަފާތުތަކެއް ހުންނާތީއެވެ. ސިފައިންގެ ހަމަލާތަކުގެ ވަޒަންތައް ފޮނުވާލާއިރު ވަރަށް ގިނައިރުވެއެވެ.
އެއާއެކު ދެން ފާހަގަވާންފެށީ ޓެރަރިސްޓުންގެ ހަމަލާ ދޭލެއް ބަލިކަށިވަމުންދާ ކަމާއި ދިވެހި ސިފައިންގެ ހަމާލާތަކަށް ޓެރަރިސްޓުންނަށް ރައްދު ނުދެވި ގިނަ އިރުތަކެއް ވާހަކަމެވެ.
އަޅުގަނޑުގެ ޝަޢުޤުވެރިކަން ހުރީ ސިއްރުސިއްރުން ނަމަވެސް މި ހަމަލާގެ މައިދާންގެ މަންޒަރުތައް ހަމަލޮލުން ފެނޭތޯއެވެ. މީހުންގެ ވާހަކަތަކަށް ބިރުން ދާކަށް ނުކުރެނެވެ. އެހެނަސް ވަރަށް ބިރުން ހުރެ ނަމަވެސް ދޭތެރެއަކުން މަގުމައްޗަށް ނިކުމެ ސިއްރުން ބޯ ދިއްކޮށްލާ ކަމެއް ފެނޭތޯ ބަލަމެވެ. މުލީއާގެ ފުރަގަހުން ޓެރަރިސްޓުންގެ 3 މީހަކު ހަރަކާތްތެރި ވާތަން އަޅުގަނޑަށް ނުފެނުނަސް ކާރީގައި ތިބި ބައެއް މީހުންނަށް ފެނުނެވެ.
ހެދުނު 8 ޖެހި އިރު އަޑު އަހާ މީހުންނަވެސް ޓެރަރިސްޓުން ގެ އަޑު ހިނދިއްޖެކަން އެނގޭވަރުވިއެވެ. ދެން އެމީހުންނަށް ރާއްޖޭގެ މައްޗަށް އަތްގަދަ ނުކުރެވޭނެކަން އަޅުގަނޑުގެ ހަވަނަ ހިއްސު ބުނެދޭންފެށިއެވެ. އެގޮތަށް ޒަމީރު ގަބޫލުކުރަންފެށީ، އެމީހުން އަންނާނީ ދަތުރުކޮށްފައި ކަމާއި މިފަދަ ހަމަލާއެއްގެ ރޭވުންތަކުގައި ކުރީ ރޭ ތިބޭނީ ނުނިދާކަން ހިތަށް ވަންނާތީއާއި ނިދި ބަރުވެ އެމީހުންނަށް ކެއުމާއި ބުއިމުގެ އުދަނގޫތަކާވެސް މާލެއިން ކުރިމަތިވާނެކަން ވިސްނޭތީއެވެ. އަދި އެހެން ބުނަން ފެށީމެވެ.
ދިވެހި ސިފައިން ހަނގުރާމައިގެ މައިދާނަށް ޕްލޮޓް ޖަމާއަތުގެ ޓެރަރިސްޓުންހާ މޮޅެއް ނުވާނެކަން ޔަގީނެވެ. އެކަމަކު ސިފައިންގެއިން ދޭންފެށި ރައްދު ހަމަލާގެ ވަރުގަދަކަމުން ދުޝްމަނުންގެ ޕްލޭން ފެއިލްވެ އެމީހުންނަށް ދެވަނަ ޕްލޭނަކަށް މަސައްކަތެއް ނުކުރެވުނެވެ. އެމީހުންނަށް ކުރެވެން އޮތްހާވެސް ކަމަކީ ފިލުން ކަމަށްވާތީ، ކުރީ އެކަމެވެ.
ފޮޓޯގައި އެފެންނަނީ 3 ނޮވެމްބަރ 88 ގެ އުދުވާނާ ގުޅިގެން، އެ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުލޭއަށް އައިސް އަނެއް ދުވަހުގެ ހެދުނާ މާލެއެރި އިންޑިއާ ސިފައިންގެ ފައުޖުގެ މީހަކާއެކު 6 ނޮވެމްބަރ 1988 ވީ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ލޮނުޒިޔާރަތްކޮޅު (މިހާރު ނިއުޕޯޓް) ސަހައްދުގެ ތޮށިގަނޑު މަތީގައި ނަގާފައިވާ ފޮޓޯއެކެވެ.
އަޅުގަނޑުގެ މަދަރުސީ ދައުރުގެ އެކުވެރިޔެއްކަމުގައިވާ ފުވައްމުލަކު ތަރާނާގެ ޢަބްދުﷲ މުޙައްމަދު (ތަރާނާ) ޕްލޮޓް ޖަމާޢަތުގެ ޓެރަރިސްޓުންގެ އަތްދަށުވެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ރަހީނުވިއެވެ. ރަހީނުވި ދިވެހިން ޕްރޮގްރެސްލައިޓަށް އަރުވަން ގެންދިއުމުގެ ތެރޭގައި ތަރާނާ ސިއްރުން މޫދަށް ފުންމާލައި އޮޑިއެއްގެ ނިވާފަތްގަޑުގައި ފިލާއޮތުމަށްފަހު ފަތާފައި އެއްގަމަށް އަރާ ސަލާމަތުން ގެއަށް އައެވެ. ޕްރޮގްރެސްލައިޓަށް އެރުވި ރަހީނުންގެ ތެރެއިން ބައެއްމީހުން ނެރެ އިންޑިއާ ސިފައިންނަށް ބިރު ދެއްކުމުގެ ގޮތުން މަރާލިއެވެ. އަނެއްބަޔަކު ޕްރޮގްރެސްލައިޓަށް އިންޑިއާ ސިފައިން ދިން ހަމަލާގައި މަރުވިއެވެ. އަދި ބައެއް މީހުން ޕްރޮގްރެސްލައިޓާއެކު ކަނޑުގެ އަޑިއަށް ޣަރަޤުވީއެވެ.
ދިވެހި ސިފައިންގެ ހިތްވަރުން ޓެރަރިސްޓުން ބަލިކުރިއެވެ. އިންޑިއާ ސިފައިން އެބައިމީހުން ފިލުނަ ނުދީ އަތުލައިގަނެ ދިވެހި ސަރުކާރާއި ހަވާލު ކުރިއެވެ. މައުސޫމް އެތައް ދިވެހިންނެއް ޝަޙީދުވިއެވެ. ނުރައްކާތެރި ބިރުވެރި ދުވަސްތަކުގައި އިންޑިއާގެ ސިފައިންވަނީ ރާއްޖެ ހިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރުކޮށްދީފައެވެ.