ރާއްޖޭގެ 32 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި 03 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު ހެނދުނު 06:00 ގައި 03 ނޮވެންބަރުގެ ހަނދާނީ ބިނާ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މިރަސްމިއްޔާތުގައި ދިދަ ޖަހައި ގާޑް މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. އަދި ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ.
މިރަސްމިއްޔާތުގައި ސިފައިންގެ އަޒުމް އާކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފެވެ.
ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކްތަކުގެ އޮފިސަރުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް އޮފިސަރުންނާއި ސިފައިންގެ ޙިދުމަތުން ޝަރަފުވެރިކަމާއި ރިޓަޔަރކޮށްފައިވާ އެކި ރޭންކުތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ނޮވެންބަރު 03 ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާ ހިނގިއިރު ސިފައިންގެ ޚިދުމަތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މިވަގުތު ސިފައިންގެ ޚިދުމަތުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ބައިވެރިވެލެއްވިއެވެ.
މިރަސްމިއްޔާތުގައި ދިދަ ޕާޓީގެ ކޮމާންޑަރަކަށް ހުންނެވީ ކެޕްޓަން މުޙައްމަދު ޝާހީއެވެ. މިރަސްމިއްޔާތު ނިންމާލާފައިވަނީ ސިފައިންގެ ލަވައިންނެވެ.
ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފްގެ އޭރިއާތަކުގައި ހިމެނޭ އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑީއެފް ސަދަން އޭރިއާގައި ޖަމާޢަތުގައި ފަތިސް ނަމާދު ކުރުމުގެ އިތުރުން ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. އަދި މި އޭރިއާތަކުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.