English Edition
Dhivehi Edition

ދިވެހި ޤައުމުގެ ދިފާޢީ އައްޑަނަ ކަމުގައިވާ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ، އޭރު ވެސް އަދި މިހާރު ވެސް، ޤައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލައި، އެ ނުރައްކާތަކުން ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރުމުގައި ނަމޫނާ ލަޝްކަރެއް ކަމުގައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ނެރޭ “އައްޑަނަ” މަޖައްލާގެ 28 ވަނަ ޢަދަދުގައި ހިމެނުމަށް ފޮނުއްވި ޚިތާބުގައި ރައީސް ވިދާޅުވެފައިވަނީ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމު ޙިމާޔަތްކުރުމުގައި ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުށިޔާރުކަމުގެ ލާމަސީލު ނަމޫނާ، ދުވަހަކު ވެސް ދިވެހިންގެ ހަނދާނުން ފުހެވިގެން ނުދާނެކަމަށާއި، އެ ނުރައްކާތެރި ވަގުތުގައި ދިވެހި ރައްޔިތުން އިސްކުރި އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދިވެހިންގެ ހިތްތަކުގައި ތާޒާކަމާއެކު އައުވެ އާލާވަމުން އަންނަ ޤައުމީ ލޯބީގެ ވަރަށް މަތިވެރި ނަމޫނާއެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

” ނަޞްރުގެ ދުވަހުން އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުޠެއް ނެތި، ލޯބިވުމުގެ މުހިންމުކަން” ރައީސް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މީގެ 32 އަހަރު ކުރިން، ދިވެހިންގެ ވަރަށް މަދު ބަޔަކާ ގުޅިގެން، ބޭރުގެ ހަނގުރާމަވެރި ޖަމާޢަތެއްގެ ބަޔަކު ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ހިންގި ޢުދުވާން ސިފަކުރައްވާފައި ވަނީ، ދިވެހި ތާރީޚު ދުށް ވަރަށް އަނިޔާވެރި ޢަމަލުތަކެއްގެ ގޮތުގައާއި، އަދި ކުށެއް ނެތް 19 ދިވެހި ދަރިއެއްގެ ލޭ މި ބިމަށް އޮހޮރުވައިލި، ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް އުފެއްދި ލާއިންސާނީ ޢަމަލުތަކެއްގެ ގޮތުގައެވެ.

އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ ދުވަހުގެ ހަނދާންތައް އައުކުރަނީ، އެ ދުވަހާ ގުޅިފައިވާ ބަޠަލުންގެ މަތިވެރި ޤައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުންކަމަށާއި، އެ ހާދިސާއިން ޢިބްރަތް ޙާޞިލްކުރަމުން ކަމުގައެވެ. އަދި، އިސްލާމް ދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވެ ވަޑައިގެންނެވި ސިފައިންގެ ބޭކަލުންނާއި ޢާންމު ރައްޔިތުންގެ ޤުރުބާނީއިން ދޭހަ ވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި ޤައުމާ މެދު އޮންނަ ޚާލިޞް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަން ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ނޮވެންބަރު 3 ގެ ޢުދުވާނު ނާކާމިޔާބު ކޮށްލުމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ދިވެހި ދައުލަތަށް ލިބިގެން ދިޔަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ، އެ ދުވަހުގެ އެ ޢުދުވާނާ ދެކޮޅަށް ޙަރަކާތްތެރިވި އެންމެހައި ޢާންމު ރައްޔިތުންނާއި، ދިވެހިރާއްޖޭގެ އޭރުގެ ސަރުކާރުގެ އެދިވަޑައިގަތުމަށް އަވައްޓެރި އިންޑިޔާ ސަރުކާރުން ޢަސްކަރީ ގޮތުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވެސް ޝުކުރު ދަންނަވާފައެވެ.