English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ސ. ހުޅުދޫ، ކުއްޅަވައްގެ، ޑޮކްޓަރ މުޙައްމަދު ޞާލިޙް މިއަދު ޢައްޔަންކުރައްވައިފިއެވެ. އެމަނިކުފާނު މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރުންގެ ނައިބުންނާއި އެއް ފެންވަރުގައެވެ. ރައީސުލްޖުމްހޫރިއްޔާ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ސީ.އީ.އޯ.އެއް ޢައްޔަންކުރައްވާފައި މިވަނީ، އެ ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ.

ޑރ މުޙައްމަދު ޞާލިޙަކީ 15 އަހަރުވަންދެން ޞިއްޙީ ދާއިރާގެ ހިންގުމުގެ މަތީ ފަންތީގައި މަސައްކަތްކުރައްވާފައިވާ ބޭފުޅުކެވެ. އަދި އެ މަނިކުފާނު ވަނީ 26 އަހަރު ދުވަހު ކްލިނިކަލް ކެއާގެ ދާއިރާއިން ވެސް ތަޖުރިބާ ހޯއްދަވާފައެވެ.

ޑރ މުޙައްމަދު ޞާލިޙް މާސްޓަރ އޮފް ސަރޖަރީ (ޖެނެރަލް ސަރޖަރީ) ހާސިލުކުރައްވާފައި ވަނީ ނޭޕާލުގެ ތްރިބުވަން ޔުނިވަރސިޓީ ޓީޗިންގ ހޮސްޕިޓަލުންނެވެ. މީގެ އިތުރުން، އެ މަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ނޮޓިންގހަމް ޔުނިވަރސިޓީއިން މާސްޓަރ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި، އެ މަނިކުފާނު ވަނީ ރާއްޖޭން ބޭރުގައި ހިންގާފައިވާ ޞިއްޙީ ދާއިރާއާ ގުޅޭ އެތަކެއް ތަމްރީނު ޕްރޮގްރާތަކެއް ފުރިހަމަކުރައްވާ، އެތަކެއް ވަރކްޝޮޕްތަކާއި ކޮންފަރެންސްތަކުގައި ވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި މަޤާމަށް ޑރ މުޙައްމަދު ޞާލިޙު ޢައްޔަންކުރެއްވުމުގެ ކުރިން އެ މަނިކުފާނު ވަނީ މެޑިކާ ހޮސްޕިޓަލުގެ ޗީފް ސަރޖަން އެއްގެ މަޤާމު ފުރުއްވާފައެވެ. ހަމަ އެއާއެކު، އެ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމު ވެސް އަދާކުރައްވާފައެވެ. މީގެ އިތުރުން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި އިތުރު އެހެން ޞިއްޙީ ޚިދުމަތްދޭ އިދާރާތަކުގެ އިސް މަޤާމުތައް ވެސް އެ މަނިކުފާނު ވަނީ ފުރުއްވާފައެވެ.

ޑރ މުޙައްމަދު ޞާލިހަކީ މޯލްޑިވްސް އެންޓި ޑޯޕިންގ އެސޯސިއޭޝަނގެ ރައީސްއެވެ. އަދި އެ މަނިކުފާނަކީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންއާއި، މޯލްޑިވްސް އޯތޯޕީޑިކް އެސޯސިއޭޝަން އަދި މޯލްޑިވިއަން މެޑިކަލް ސްޓޫޑެންޓް އެސޯސިއޭޝަންގެ އެއް
ބާނީއެވެ.