English Edition
Dhivehi Edition
ބީއެމްއެލްގެ ހެޑް އޮފީސް - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް މާލީ ގޮތުން ލުޔެއް ހޯދައިދިނުމުގެ ގޮތުން އެ ބޭންކުން ދޫކުރާ ޕަރސަނަލް އަދި ހައުސިން ލޯނާއި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓް އަދި ޕްރޮފިޓް ރޭޓް އަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެގޮތުން މި ބަދަލުތަކާއެކު ބީއެމްއެލްގެ ލުއި އެކްސްޕްރެސް ލޯންގެ ރޭޓް %15 އަށް ކުޑަކޮށްފައިވާއިރު، ޝަރުތު ހަމަވާ ކަސްޓމަރުންނަށް އެއްވެސް ރަހުނަކާ
ނުލައި 300،000ރ. އާއި ހަމަޔަށް ލޯނު ލިބޭނެއެވެ. މީގެ އިތުރުން ގަވައިދުން މުސާރަ ނުލިބޭ ފަރާތްތަކަށް ދޫކުރަމުންދާ ލުއި މައިކްރޯ ލޯންގެ ރޭޓްވެސް %12 އަށް ކުޑަކޮށްފައިވާއިރު. އާމްދަނީގެ ގޮތުގައި ކުލި ލިބޭ ގެދޮރުވެރިންނަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފްސްޓައިލް ލޯނުވެސް ރަހުނަކާ ނުލައި މިހާރު %15 އިންޓްރެސްޓް ރޭޓްގައި ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެގޮތުން 300،000 ރުފިޔާ އަށް ހަމަޔަށް ލޯނު ދޫކުރެވޭނެ ކަމަށާއި، 300،000 ރުފިޔާއިން ފެށިގެން 5.1 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ބޭނުންވާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ރަހުނަކާއެކު %12 އިންޓްރެސްޓްގައި ލޯނު ދޫކުރަމުންދާނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

މީގެ އިތުރުން ބީއެމްއެލް އިން ވަނީ ހައުސިންގ ލޯނު ޕޯރޓްފޯލިއޯވެސް %10 އާ ހަމަޔަށް ދަށްކޮށްފައެވެ. މި ބަދަލާއެކު މިއީ ރާއްޖޭގެ އެންމެ ކުޑަ އިންޓްރެސްޓް ރޭޓެވެ. ބީއެމްއެލް އިން ބުނީ އެ ރޭޓްގައި ބޭންކުން ލޯނު ދޫކުރާނީ ހޯމް ޕަރޗޭސް ލޯން (ގެދޮރު ގަތުމަށް ދޫކުރާ ލޯނު) އަދި ހޯމް ކޮންސްޓްރަކްޝަން ލޯނުގެ ތެރެއިން %50 އަމިއްލަ އަށް ހަރަދުކޮށްފައިވާ ޕްރެޖެކްޓްތަކަށް ދޫކުރާ ލޯނުތަކަށް ކަމަށާއި، ވިޔަފާރީގެ އުސޫލުން ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް ދޫކުރާ ރިއަލް
އެސްޓޭޓް ލޯނުގެ ރޭޓްވެސް %5.10 އާ ހަމަޔަށް ކުޑަކޮށްފައިވާ ކަމަށެވެ.

ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ އިއްޔެ އާންމުކުރެވުނު ބަދަލުތަކަށް ބަލާއިރު އަގުތައް %15 ކުޑަކުރެވި، ބޭންކުގެ ލޯނު ޕޯރޓްފޯލިއޯ އަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

“ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި އަޅުގަނޑުމެންގެ ކަސްޓަމަރުން ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު އަލަށް ކަނޑައެޅުނު ރޭޓްތަކުގެ ސަބަބުން ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމަށް ލުއިފަސޭހަވެގެންދާނެ. އަދި ބީއެމްއެލް އިސްލާމިކްގެ ޕޯރޓްފޯލިއޯގެ ރޭޓްތައްވެސް މިވަނީ އެއް ނިސްބަތަކުން ދަށްކުރެވިފައި”، ނިމާލް ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނާއި ފައިނޭންސްތަކަށް އިތުރަށް ގެނައުމަށް ނިންމާފައިވާ ބަދަލުތައް ކުރިއަށް ހުރި ހަފްތާތަކުގައި ހާމަކުރާނެ ކަމަށެވެ.