English Edition
Dhivehi Edition

ނިމިގެންދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުގެ 11:40 އެހާކަންހާއިރު ރޫޓް ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި އެ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަޙްމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ޙުސައިން ޢަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، ޢަބްދުﷲ ރާޝިދު (27އ) އެވެ.

މީގެ އިތުރުން އެ ހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުން ކަމުގައި ފުލުހުން ބުންޏެވެ.

އަދި އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

ފުލުހުން ބުނީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އެ މައްސަލަ ތަހުގީގު ކުރަމުުންދާ ކަމަށެވެ.