ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ ވޭވް ސައުންޑް ބައި ތްރީ އެސް އަލުން ހުޅުވަން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފިއެވެ. މިއީ އައްޑޫ ސިޓީއިން ގެސްޓް ހައުސް ވިޔަފާރި އަލުން ހުޅުވަން ހުއްދަ ލިބުނު ފުރަތަމަ ގެސްޓް ހައުސްއެވެ.
އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ހުންނަ ވޭވް ސައުންޑް ބައި ތްރީ އެސް އަށް އަލުން ވިޔަފާރި ކުރުމަށް ހުޅުވުމުގެ ހުއްދަ ލިބިފައިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްފަހުއެވެ. އެގޮތުން ބަލާއިރު، ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދީފައިވަނީ ރަށުފެންވަރުގައި އަދި ގެސްޓް ހައުސް އިން ފުރިހަމަކުރަންޖެހޭ ކަންތައް ފުރިހަމަ ކުރުމުންނެވެ.
މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ހުޅުވުމުގެ ހުއްދަ އެ ގެސްޓް ހައުސް އަށް ދީފައިވާއިރު މިނިސްޓްރީ އިން ހުއްދަ ދިން ކަން އެންގި ލިޔުމުގައި މައިގަނޑު 3 ނުކުތާއެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެ ލިޔުމުގައިވާ ގޮތުން ގެސްޓް ހައުސްގެ ފަރާތުން ކޮވިޑް-19 އަށް ފަހު ފަތުރުވެރިކަމަށް އަލުން ހުޅުވާލާއިރު އެކަމާއި ގުޅިގެން އެކުލަވާލައިފައިވާ ގަވާއިދު ތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ އިރު ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އަދި މީގެ އިތުރުން ގެސްޓް ހައުސް ހިންގުމަށް ދޫކޮށްފައިވާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް އެ ލިޔުމުގައި ވަނީ ބަޔާންކޮށްފައެވެ.
އެޗްޕީއޭ އިން ގެސްޓް ހައުސްތައް ހުޅުވާލުމާއި ގުޅޭގޮތުން އެކުލަވާލި އުސޫލުގައިވާ ގޮތުން ކައުންސިލުން ބަލަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ރަށުގައި އައިސޮލޭޝަން ނުވަތަ ކަރަންޓީން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރިތޯ ބެލުމާއި ރަށުގައި ކޮވިޑް ޓާސްކް ފޯހެއް އޮތްކަން ޔަގީން ކުރަން ޖެހެއެވެ. މީގެ އިތުރުން ފަތުރުވެރިއަކު ކޮވިޑް- 19އަށް ފައްސިވެއްޖެ ހާލަތެއްގައި އޭނާ ފެސިލިޓީ އަށް ގެންދާނެ އުޅަނދެއް ތައްޔާރުވެފައި އޮތްތޯ ބެލުމާއި އެ ރަށެއްގެ ހެލްތު ސެންޓަރު ނުވަތަ ހޮސްޕިޓަލް އޮތީ ކޮވިޑް-19އާ ގުޅިގެން ތައްޔާރަށްތޯ ޔަގީން ކުރަންޖެހެއެވެ. ހޮސްޕިޓަލުގައި އައިސޮލޭޝަން ކޮޓަރިއެއް ހުރިތޯ ޔަގީން ކުރުމާއި ސާމްޕަލް ނެގޭ ވަރަށް ހިއުމަން ރިސޯސަސް ހުރިތޯ ބެލުމަކީ ވެސް ކައުންސިލުގެ ޒިންމާއެކެވެ.
އެޗްޕީއޭ އިން ގެސްޓް ހައުސްތައް ހުޅުވާލުމާއި ގުޅޭގޮތުން އެކުލަވާލި އުސޫލުގައިވާ ގޮތުން ގެސްޓު ހައުސްތަކުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ހުރި މިންވަރު ހާމަކުރުމާއި ގެސްޓު ހައުސް ތެރޭގައި ސޯޝަލް ޑިސްޓެންސިން ބެހެއްޓޭނެކަން ޔަގީން ކުރުން އަދި ބޭނުންވާ ވަރަށް ޕީޕީއީ ކިޓާއި ފަސްޓް އެއިޑް ހުރިކަން ޔަގީން ކުރަންޖެހެއެވެ. މީގެ އިތުރުން ގެސްޓު ހައުސްގައި އުޅޭއިރު ސްޓާފުން ވަކި ޔުނިފޯމެއް ލުމާއި މާސްކު އެޅުމުގެ އިތުރުން ހުރިހާ މުވައްޒަފުން ވެސް “ޓްރޭސް އެކީ” އެޕް ބޭނުން ކުރުމާއި ޓޫރިސްޓުންނަށް އެޕް ބޭނުން ކުރަން ބާރު އެޅުން ހިމެނެއެވެ.
ވޭވް ސައުންޑް ބައި ތްރީ އެސް އިން މިހާރު ‘ބުކިންގް’ ހެއްދުމަށް ހުޅުވާލައިފައިވާއިރު އެތަނަކީ ހަތް ކޮޓަރި ހިމެނޭ ތަނެކެވެ. މޫދު ކައިރީގައި ހުންނަ މިތަނުން ފަތުރުވެރިން މުނިފޫހިވިލުވުމަށްޓަކައި ތަފާތު އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. އެގޮތުން އެކި ކަހަލަ މޫދު ކުޅިވަރުތަކާއި އައްޑޫ އާއި ގުޅުން ހުރި އެކި ތަންތަނަށް ފަތުރުވެރިން ގޮވައިގެން ޒިޔާރަތްކޮށް އެތަނުގެ މައުލޫމާތު ދިނުން ހިމެނެއެވެ.
އެޗްޕީއޭގެ އުސޫލު ބުނާ ގޮތުން ގެސްޓްހައުސްތައް ފަތުރުވެރިންނަށް އަލުން ހުޅުވާލާއިރު އެރަށެއްގެ އާންމުންނާއި ފަތުރުވެރިން ވެސް އާންމު ތަންތަނުގައި މާސްކު އަޅަންޖެހޭނެއެވެ.