English Edition
Dhivehi Edition
ބާސެލޯނާ ކޮޅަށް ލަނޑުޖެހުމަށްފަހު ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޮސް އުފާ ފާޅުކުރަނީ. ރެއާލުން މި މެޗު ކާމިޔާބުކުރި 3-1 އިން. --ފޮޓޯ: ލަލީގާ.ކޮމް

ސްޕެނިޝް ލީގުގައި މިރޭ ކުޅެވުނު ވާދަވެރި އެލް ކްލެސިކޯ މެޗުގައި ރަށުން ބޭރުގައި ބާސެލޯނާ 3-1 އިން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މި ނަތީޖާއާއެކު ރެއާލަށް ވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފައެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް ރެއާލް ސޮސިއެޑާޑްގެ އިތުރުން ތިންވަނައިގައި މިއަދަދަށް ޕޮއިންޓް ހޯދާފައިވާ ވިޔަރެއާލް މި ހަފްތާގައި ލީގުގައި ކުޅޭ މެޗުތަކަށްފަހު އަލުން ތާވަލްގެ ކުރިއަށް އެރުމުގެ ފުރުޞަތު އެބައޮތެވެ. މި މެޗުން ބަލިވި ބާސެލޯނާ އޮތީ ފަސް މެޗުން ހޯދީ ހަތް ޕޮއިންޓާއެކު ލީގުގެ 10 ވަނައިގައެވެ.

ރެއާލުން މިރޭގެ މެޗަށް ނިކުތްއިރު އޮތީ އެންމެ ރަނގަޅު ފޯމުގައެއްނޫނެވެ. އެ ޓީމު އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކް އަތުން 3-2 އިން ބަލިވިއިރު، އޭގެކުރީން ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އަލަށް ޕްރޮމޯޓުވި ކާޑިޒް އަތުން ބަލިވީ 1-0 އިންނެވެ.

އެހެންކަމުން ރެއާލުން މިރޭގެ މެޗަށް ނިކުތީ އެންމެ ފަހުން ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، ޝަހުތަރާ ދެކޮޅަށް އަނިޔާގެ ސަބަބުން ނުކުޅެވުނު ކެޕްޓަން ސާޖިއޯ ރަމޮސްގެ އިތުރުން ކަރީމް ބެންޒެމާ އާއި ވިނީޝަސް ޖޫނިއާ އަދި ޓޯނީ ކްރޫސް އަށް ވަނީ މި މެޗުގެ ފުރަތަމަ އެގާރައިން ފުރުޞަތުދީފައެވެ. ބާސެލޯނާ އިން މިރޭގެ މެޗަށް ނިކުތީ ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހު ހަންގޭރީގެ ޗެމްޕިއަން ފްރެންސްވަރޯސް އަތުން 5-1 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ތިން ބަދަލެއް ގެނެސްގެންނެވެ.

ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ލަލީގާ.ކޮމް

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ކުރީން ލީޑްނެގީ ރެއާލުންނެވެ. ރެއާލަށް މިލަނޑުޖަހައިދިނީ ފެޑެރީކޯ ވަލްވާޑޭ އެވެ. އޭގެ ތިން މިނެޓުފަހުން، ސްޕެއިނުގެ ޒުވާން ފޯވާޑް އަންސޫ ފާޓީ ވަނީ ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ގޯލާއެކު އުމުރުން 17 އަހަރުގެ ފާޓީ ވަނީ އެލް ކްލެސިކޯގެ ތާރީޚުގައި މިހާތަނަށް ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

ރެއާލުން ދެވަނަ ފަހަރަށް ލީޑްނެގީ މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ކެޕްޓަން ރާމޮސް އެވެ. މިއީ ބާސެލޯނާގެ ޑިފެންޑަރު ކްލެމެންޓް ލެންގްލޭ ރާމޮސް އަށް ޕެނަލްޓީއޭރިޔާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ގޯލާއެކު ރާމޮސް ވަނީ ކެރިއަރުގައި ފުރަތަމަ ފަހަރަށް އަހަރެއްގެ ތެރޭގައި 10 ގޯލް ހަމަކޮށްފައެވެ.

މި މެޗުގައި ރެއާލުން ކާމިޔާބުކުރި ތިންވަނަ ލަނޑު، މެޗުގެ އެންމެ ފަހު މިނެޓުގައި ޖަހައިދިނީ ފަހު ހާފުގައި ކުޅެން ނިކުތް ކްރޮއޭޝިއާގެ މިޑްފީލްޑަރު ލުކާ މޮޑްރިޗް އެވެ. މިއީ ރެއާލަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.

މިރޭގެ މެޗާއެކު ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ ބާސެލޯނާގެ ދަނޑުގައި ބަލިނުވުމުގެ ރެކޯޑް އިތުރަށް ދަމަހައްޓާފައެވެ. ޒިދާން އާއެކު ރެއާލުން ބާސެލޯނާއާ ދެކޮޅަށް ނިކުތް ހަ މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، ތިން މެޗުން ވަނީ އެއްވަރުވެފައެވެ. މީގެއިތުރުން، މިއީ 08-2007 ވަނަ އަހަރުގެ ސީޒަނުގެ ފަހުން ލީގުގައި ބާސެލޯނާ އަތުން ވިދިވިދިގެން ދެ މެޗުން ރެއާލް މޮޅުވި ފުރަތަމަ ފަހަރެވެ.