English Edition
Dhivehi Edition

މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހެންވޭރު ހިކިފިނިފެންމާގެ އަޙްމަދު ނަސީމް، ކެރަފާ ނަސީމް އިސްކުރައްވައި، އެ މަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ކެރަފާ ނަސީމް ހެލްތު މިނިސްޓަރުގެ މަޤާމުގެ ހުވައިކުރެއްވުމާއި އެ މަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެ މަނިކުފާނަށް މަގާމުގެ ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ.

1966 ވަނަ އަހަރު ސަރުކާރުގެ ޚިދުމަތާއި ގުޅިވަޑައިގެންނެވި ކެރަފާ ނަސީމް ވަނީ، 2011 ވަނަ އަހަރު މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމު ފުރުއްވާފައެވެ. އަދި އޭގެ ކުރިން އަޙްމަދު ނަސީމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމު ވެސް ފުރުއްވާފައެވެ.

ހެލްތް މިނިސްޓަރު ކަމަށް ކެރަފާ ނަސީމް އައްޔަން ކުރައްވައިފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން، މި މަހުގެ 20 ވަނަ ދުވަހުގެ ރޭ އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އަމީން އިސްތިއުފާ ދެއްވި އިރު އެމްޑީޕީގެ 24 މެމްބަރެއްގެ ސޮޔާއެކު، އަމީން މަގާމުން ދުރުކުރުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް އޮތީ ވައްދައިފައެވެ.

ދިވެހިރާއްޖެ ގެންނަން ނިންމި 75 ވެންޓިލޭޓަރުގެ މައްސަލައިގައި ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް އަމަލު ކުރި ކަމަށް އަމީން ހިމެނޭ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ތުހުމަތު ކުރެވި, ތަހުގީގު ފެށުމާއެކު އެކަމަށް ޖާގަ ދެއްވުމަށްޓަކައި އަމީން އަމިއްލަފުޅަށް މަގާމުން އެކަހެރިވެ ވަޑައިގެން 2 މަސް ދުވަހު ހުންނެވިއެވެ.

އަމީން އަށް ތުހުމަތުކުރެވޭ މި މައްސަލައިގައި އަމީން ހިމެނޭ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުން ޝަރީއަތުގައި ދައުވާ ސާބިތު ކުރެވޭޭ މިންވަރަށް އޭސީސީއަށް ހެކި ދެއްކިފައި ނުވާ ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.