English Edition
Dhivehi Edition

ޢީދު ފެންކުޅި ނުވަތަ ޢީދު ކުލަ ޖެހުމަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު ޢީދު ކުޅިވަރެކެވެ. ދެކުނަށްވުރެ ބޮޑަށް މި ކަމުގެ ފޯރި ގަދައީ އުތުރުގެ އަތޮޅުތަކުގައެވެ. ފާއިތުވެ ދިޔަ އަހަރުތަކުގައި އީދު ކުލަ ޖެހުން މިވަނީ އައްޑޫގައިވެސް ފެށިފައެވެ.

ފެންކުޅި ކުޅެލަން އެންމެން ހިނގާ! މި އަމާޒުގައި މިފަހަކަށް އައިސް އައްޑޫގެ ޒުވާނުންވެސް އަންނަނީ ކޮންމެ އީދެއްގައި އީދުގެ މަޖާނަގަމުންނެވެ. ޢީދު ދުވަހެއްގައި އައްޑޫގެ މަގަކުން ދާ މީހަކަށް މިކަމުގެ ވަރަށް ކުލަގަދަ ނިޝާންތަކެއް ފެނިގެންދާނެއެވެ. އެހެންނަމަވެސް ފަހަރުގައި މިކުޅިވަރުގެ ފޯރީގައި ކުދިވެރިންނަށް މަގުންދާ އެންމެން ފެންކުޅި ކުޅެލަން ބޭނުން ނުވެދާނެކަން ހަނދާންނެތޭހެން ހީވެއެވެ.

މަގުން ފެންނަހާ ބައެއްގެ ގަޔަށް ކުލަ ޖެހުމަކީ ޒަމާނުއްސުރެ މިކުޅިވަރު ކުޅެމުން އައި ގޮތްކަމުގައި ވިޔަސް މިހާރު ހާލަތު ތަފާތު ކަން ވިސްނަން ޖެހެއެވެ. އެޒަމާނުގައި އެންމެން ހިނގާފައި އުޅުނަސް، ދުއްވާ އުޅަނދުފަހަރުގައި އެންމެން އުޅޭ ދުވަސްވަރެއްގައި، އަދި ވަކިން ޚާއްސަކޮށް އައްޑޫގައި އެކްސިޑެންޓް އެހާ ގިނަވެފައިވާއިރު މަގުންދާ މީހުން ގަޔަށް ކުލަ ޖެހުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ޖެހޭ ސަކަރާތެއްގައި ބައެއްގެ ފުރާނަ އަދި އަގު ބޮޑު މުދަލަށް ގެއްލުން ލިބޭ ހާލަތެއްގައި ޒިންމާ ނަގާނީ ކޮންފަރާތަކުންތޯއެވެ؟

ނެތެމުންދާ ސަގާފަތް ދިރުވާ އާލާކުރަން ޒުވާން ފުރައިގެ ކުދިން އިސްނަގައިގެން ކުރިއަށް ގެންދާ މިފަދަ ހަރަކާތްތައް އެންމެ އެކަށޭނެ ގޮތުގައި ކުރިއަށް ގެންދެވޭނީ މުއައްސަސާތަކުގެ އެއްބާރުލުންވެސް މިކަމަށް ލިބިގެންނެވެ. މިގޮތުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން އީދުގެ ފޯރި އައްޑޫގައި އާލާ ކުރުމަށްޓަކައި ކައުންސިލުގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވަކި ސަރަހައްދެއް ކަނޑައެޅުން މުހިންމެވެ. ކޮންމެ ރަމަޟާން މަހެއްގެ ކުރިން ރޯދައަށް ދަތުރުދާ ގައުކެނޑި ސަރަހައްދު ފުލުހުން ބަލަހައްޓާ އުސޫލުން އީދު ތަކުގައި އައްޑޫގެ މަގުތައްވެސް ބެލެހެއްޓުން މުހިންމެވެ.

މި ކުޅިވަރުގައި ބައިވެރިވާ ހުރިހާ ބޭފުޅުންވެސް މަގުންދާ އެހެން ފަރާތްތަކަށް އިހުތިރާމު ކުރަމާތޯއެވެ؟ މަގުންދާ އެންމެން ފެންކުޅި ކުޅެލަން ބޭނުން ނުވެދާނެކަން ހަނދުމަ ބަހައްޓަމާ ހިނގާށެވެ.

ޓެގު