English Edition
Dhivehi Edition

މިހާރު ކުރަމުން މިދާ ވިއްސާރައިގައި މޫސުމް ގޯސްވާނެކަމަށް ލަފާކުރެވޭތީ ކ. އަތޮޅުގެ ރަށްތަކުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މި އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 9:30 އިން މެންދުރުފަހު 15:30 ހާ ހަމައަށެވެ.

މެޓް އޮފީހުން ނެރުނު އެލާޓްގައި ވާގޮތުގައި، މި ސަރަހައްދުތަަކަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަ ކުރާނެއެވެ. އަދި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހެނޭކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

އަދި މީގެ އިތުރުން، އެހެން ހިސާބުތަކަށް ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.

އަދި ބައެއް ސަރަހައްދުތަަކަށް ބޯކޮށް ވާރެވެހި ކަނޑުގަދަވެދާނެކަމަށް ލަފާކޮށް، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ދަތުރުކުރެއްވުމަށް މޫސުމާއި ބެހޭ އިދާރާއިން އިލްތިމާސްކުރެއެވެ.

ވައިޓް އެލާޓް:

މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.