ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކުރުމަށް ނިންމަވައިފި އެވެ. އެކަން ހާމަކުރައްވައި ހެލްތު މިނިސްޓްރީ ހުންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ނޭޝާނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމް ސޮއިކުރައްވާފައިވާ ޤަރާރެއް މިއަދު ވަނީ ނެރުއްވައިފަ އެވެ.
އެ ޤަރާރުގައި ބުނެފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ފުޅާ ދާއިރާއެއްގައި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، މާރިޗު 12 ވަނަ ދުވަހު އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމި އޮތް ކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާޓެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލުކުރެވޭކަމަށް ލަފާ ދެއްވާފައިވާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި މާރިޗު 12 އިން ފެށިގެން އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު، ނޮވެންބަރު 05 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމަވާފައިވާ ކަމަށްވެސް އެޤަރާރުގައި ވެއެވެ.
އެންމެ ފަހުން އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދުގެ ނިޔަލަށް ނިމުމަކަށް އަންނާނެ އެވެ.
އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، އިއްޔެ 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1,583 ސާމްޕަލް ނަގާފައިވެއެވެ. އަދި މިވަގުތު ކަރަންޓީނުގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި 492 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްތަކުގައި 67 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.
މިހާތަނަށް ރާއްޖެއިން 10،530 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.