English Edition
Dhivehi Edition

ދިވެހިރާއްޖެއަށް ފުރަތަމަ ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ތައާރަފުކޮށްދިން ކުންފުނި ކަމަށްވާ ދިރާގުން ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު “ފިޔަވަތި”ގައި އިންޓަނެޓްގެ ޚިދުމަތް ހިލޭ ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު 4 ކްލާސްރޫމް ގައި ގާއިމުކޮށްދީފިއެވެ.

ދިރާގުން ވެ ދިން އެހީތެރިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފިޔަވަތީގެ ސީ. އީ. އޯ ޒީނާ ގާސިމް ވަނީ ކޮވިޑް19ގެ ސަބަބުން އޮންލައިންކޮށް ހުރިހާ މަސައްކަތެއް ކުރަން މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައި ހިލޭ ސާބަހަށް އިންޓަނެޓް ޕެކޭޖާއިއެކު، އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ފިޔަވަތީގެ ކުދިންނަށް ދިރާގުން ހަމަޖައްސައިދީފައިވާތީ ދިރާގުން ވެ ދިން އެހީތެރިކަމަށް ފިޔަވަތީގެ އެންމެހާ ކުދިންނާއި މެނޭޖްމެންޓް ނަމުގައި އެ ކުންފުންޏަށް ޝުކުރު ދަންނަވާފައެވެ. އަދި މީގެ އިތުރުން ޒީނާ ވަނީ ދިރާގުން ފިޔަވައްޗަށް ބަހައްޓަވާ ގާތްކަމާއި ވެދެއްވާ އެހީތެރިކަންވެސް ފާހަގަކުރައްވާފައެވެ.

ދިރާގުން ހާމަކުރި ގޮތުގައި 99 ދަރިވަރުން ފައުންޑޭޝަން ލެވެލް އިން ފެށިގެން ގްރޭޑް 7 އާ ހަމައަށް މިހާރުވެސް ފިޔަވަތިން އޮންލައިން ކްލާސްތަކުގައި ބައިވެރިވަމުން ދާއިރު، އެކުންފުނިން ގާއިމު ކޮށްދީފައިވާ އިންޓަނެޓްގެ ނިޒާމު މެދުވެރިކޮށް ދަރިވަރުންނަށް ފިޔަވަތިން ބާއްވާ ޚާއްސަ ހަރަކާތްތަކުގައިވެސް އޮންލައިންކޮށް ބައިވެރިވެވޭނެއެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވޭތުވެދިޔަ އަހަރު ތަކުގައިވެސް ވަނީ ކުޑަކުދިންގެ ހިޔާ ތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު ދިރާގުން މިހާރުވެސް އަންނަނީ ފިޔަވަތީގެ ކޮމްޕިއުޓަރ ލެބަށް އިޖުތިމާއީ ޒިންމާގެ ދަށުން ހިލޭ އިންޓަނެޓް ފޯރުކޮށްދެމުންނެވެ