ޑިޕާޓްމަންޓް އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް މ.ބަނަފްސާވިލާ، އަލްއުސްތާޛާ ޢާއިޝަތު ރިޒުނާ ހަމަޖައްސަވައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހްގެ ދަށުން އުފެއްދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެންމެ އިސްވެރިއަކަށް ހުންނަވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް މިއަދު ހަމަޖެއްސެވި ރިޒުނާ ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަޤާމުވެސް ފުރުއްވާފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހްގައިވާ ގޮތުގެ މަތިން މިހާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިނގަމުން ދަނީ ޖޭއެސްސީގެ ދަށުންނެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމާ މަސްއޫލިއްޔަތު މިހާތަނަށް އަދާކުރައްވަމުން ގެންގޮސްފައިވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ހުންނެވި އަބްދުﷲ ނަޒީރުއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އަސާސީ މުސާރައިގެ ގޮތުގައި 30500 ރުފިޔާ ލިބޭއިރު އެހެނިހެން އިނާޔާތްތަކާއެކު ޖުމްލަ މުސާރައިގެ ގޮތުގައި 47500 ރުފިޔާ ލިބޭނެއެވެ.