އިތުރުވަގުތުގެ ފުރަތަމަ ހާފުގައި ހާވީ މާޓިނޭޒް ވައްދާލި ލަނޑާއެކު ސެވިއްޔާގެ މައްޗަށް 2-1 އިން ކުރިހޯދައި ބަޔާން މިއުނިކުން ޔުއެފާ ސުޕަކަޕް ދެވަނަ ފަހަރަށް އުފުލާލައިފިއެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައި ބަޔާންގެ ކޯޗުކަމާ ހަންސީ ފްލިކް ހަވާލުވިފަހުން އެ ޓީމު ކާމިޔާބުކުރި ހަތަރުވަނަ މުބާރާތެވެ. އެގޮތުން، އެ ޓީމު އެންމެފަހުން ކުޅުނު 32 މެޗުން ބަލިވެފައިނުވާއިރު، ޖަރުމަން ބުންޑެސްލީގާގެ އިތުރުން ޖަރުމަން ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ވަނީ ކާމިޔާބުކޮށްފައެވެ.
ކޮވިޑް-19އާ ގުޅިގެން ލޮކްޑައުން އަށް ފަހު ސަޕޯޓަރުން ވައްދައިގެން ކުޅެވުނު ޔޫރަޕްގެ ފުރަތަމަ މެޗުގައި 15 ހާހެއްހާ މީހުން ކުޅިބަލަން ވަދެފައިވާއިރު، މި ހުރިހާ ފަރާތްތަކެއްވެސް ވަކި އުސޫލުތަކެއްގެ ދަށުން އިޖުތިމާއީ ގައިދުރުކުރުމުގެ މިންގަނޑަށް ފެތޭގޮތަށް އިށީނދެތިބެވޭގޮތަށް އިންތިޒާމްތައް ހަމަޖެހިފައިވާއިރު އެންމެންވެސް ތިބީ މާސްކް އަޅައިގެންނެވެ.
ހަންގޭރީގެ ބުޑަޕެސްޓްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބަޔާނުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. އެކަމަކު، ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ސެވިއްޔާ އިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިލަނޑުޖަހައިދިނީ އާޖެންޓީނާގެ ވިންގާ ލޫކަސް އޮކަމްޕޯސް އެވެ. މިއީ އެ ޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗް އަށް ބަޔާންގެ ޑޭވިޑް އަލަބާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ބަޔާނުން ނަތީޖާ ހަމަހަމަކުރީ، މެޗުގެ 34 ވަނަ މިނެޓުގައި ޖަރުމަނުގެ މިޑްފީލްޑަރު ލެއޮން ގޮރެޓްޒްކާ އެވެ. މިއީ އެ ޓީމުގެ ޕޯލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ދިން ރީތި ބޯޅައަކުން ގޮރެޓްޒްކާ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، އެ ޓީމުގެ ލެރޯއީ ސާނޭ ފޮނުވާލި ބޯޅަ ސެވިއްޔާގެ ކުޅުންތެރިން ވަނީ ދިފާއުކޮށްފައެވެ.
އޭގެފަހުން، މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރީން ދެ ޓީމަށް ވެސް މެޗު ކާމިޔާބުކުރުމަށްޓަކައި ރަނގަޅު ފުރުޞަތުތަކެއްލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން، ބަޔާންގެ ލެވަންޑޯސްކީގެ އިތުރުން ލެރޯއީ ސާނޭ ކާމިޔާބުކުރި ގޯލްތައް ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ގަބޫލުނުކުރިއިރު، އެ ޓީމުގެ ތޯމަސް މުލާ އާއި ސާޖް ނަބްރީ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ސެވިއްޔާގެ ގޯލްކީޕަރު ޔަސީން ބޯނޯ އެވެ. އަދި އޭގެފަހުން، މެޗުގެ ފަހު ތިން މިނެޓުގައި، ސެވިއްޔާގެ ޔޫސުފް އެން-ނެސީރީ އަށް ވަނީ ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެން-ނެސީރީ ފޮނުވާލި ދެ ބޯޅަ ވެސް ބަޔާންގެ ގޯލްކީޕަރު މެނުއެލް ނޯޔާ މަތަކުރިއެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ކުޅެވުނު އިތުރުވަގުތުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ބަޔާނަށް ލަނޑުޖަހައިދިނީ ހާވީ މާޓިނޭޒް އެވެ. މިއީ އެ ޓީމުގެ އޮސްޓްރިއާ ޑިފެންޑަރު އަލަބާ ބޮލުން ފޮނުވާލި ބޯޅައެއް ސެވިއްޔާގެ ކީޕަރު ބޯނޯ މަތަކުރުމުން މާޓިނޭޒް ދެވަނަ ފަހަރަށް ބޮލުން އެ ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.