އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން ވުލްވަހެމްޕްޓަން ވޮންޑަރާސް ބަލިކޮށް މެންޗެސްޓާ ސިޓީން ރެކޯޑެއް ގާއިމްކޮށްފިއެވެ.
ރޭގެ މެޗުން ހޯދީ މޮޅާއެކު ސިޓީ ވަނީ މިދިޔަ 10 ސީޒަނުގައި ލީގުގެ ފުރަތަމަ މެޗުން މޮޅުވި ހަމައެކަނި ޓީމުގެ ޝަރަފު ހޯދާފައެވެ. އަނެއްކޮޅުން ޕްރިމިއާ ލީގުގެ މި ހަފްތާގެ މެޗުތަކުގައި 44 ގޯލު ފެނުނުއިރު، މިއީ 2011 ވަނަ އަހަރުގެ ފަހުން ލީގުގެ އެއް ހަފްތާގައި އެންމެ ގިނަ ގޯލު ފެނިގެންދިޔަ ފަހަރެވެ. އެ ފަހަރު ލީގުގެ 10 މެޗުގައި 43 ގޯލު ފެނިގެންގޮސްފައިވެއެވެ. އަދި މިއީ 1995/1996 ވަނަ އަހަރުގެ ސީޒަނުގެ ލީގުގައި ވާދަކުރި ކްލަބުގެ އަދަދު 22 އިން 20 އަށް ދަށްކުރި ފަހުން އެންމެ ގިނަ ގޯލް ފެނިގެންދިޔަ ހަފްތާވެސް މެއެވެ.
ވުލްވްސްގެ މޮލިނެއުކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ސިޓީން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އެވެ. މިއީ ޑި ބްރޭނާ އަށް ޕެނަލްޓީއޭރިޔާތެރެއިން ވުލްވްސްގެ ރޮމައިން ސައީސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
އޭގެ 12 މިނެޓުފަހުން، ސިޓީގެ ދެވަނަ ލަނޑުޖަހައިދިނީ އިނގިރޭސި ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން އެވެ. މިއީ އެ ޓީމުގެ ރަހީމް ސްޓާލިން ދިން ބޯޅައަކުން ފޯޑެން ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން ސިޓީގެ ލީޑް އިތުރަށް ފުޅާކުރުމަށް ޑި ބްރޭނާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ވުލްވްސްގެ ޕޯޗުގަލް ގޯލްކީޕަރު ރުއީ ޕެޓްރީޝިއޯ މަތަކުރިއެވެ.
ފުރަތަމަ ހާފުގައި ދެއްކި ފަދަ ރަނގަޅު ކުޅުމެއް ސިޓީ އަށް ދެވަނަ ހާފުގައި ދެއްކޭގޮތެއްނުވިއެވެ. ވުލްވްސް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، މެޗުގެ 78 ވަނަ މިނެޓުގައި ޑެނިއެލް ޕޮޑެންސް ތަނަވަސްކުރި ފުރުޞަތަކުން ކާމިޔާބުކޮށްދިނީ މެކްސިކޯގެ އިތުބާރު ފޯވާޑް ރައުލް ހިމެނޭޒް އެވެ. އޭގެކުރީން، ހިމެނޭޒް އަށް ވަނީ ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ.
ރޭގެ މެޗުގައި ސިޓީން ޖެހި ފަހު ލަނޑު، މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް އެވެ. މިއީ އެ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ޑި ބްރޭނާ ތަނަވަސްކުރި ފުރުޞަތަކުން ޖެސޫސް ކާމިޔާބުކުރި ގޯލެކެވެ.
ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް އަމިއްލަ ދަނޑުގައި އެސްޓަން ވިލާ ކުރި ހޯދީ 1-0 އިންނެވެ. މި މެޗުގައި ވިލާ އިން ޖެހި ހަމައެކަނި ލަނޑު، ކާމިޔާބުކޮށްދިނީ އެޒްރީ ކޮންސާ އެވެ. މީގެއިތުރުން، ފުރަތަމަ ހާފުގައި ޝެފީލްޑް އަށް ލިބުނު ޕެނަލްޓީއެއް ޖޯން ލަންޑްސްޓްރަމް ފޮނުވާލުމުން ދާދިފަހުން އާސެނަލުން ވިލާ އަށް ބަދަލުވި ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއެވެ.