“ހިޔާ” މަޝްރޫޢުގެ ދަށުން ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް މުރާޖަޢާ ކުރެއްވުމަށްފަހު، H09 (މާލޭ މުނިސިޕަލިޓީގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ޚާއްޞަ) ކެޓަގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު “ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީ” އިން މިއަދު އިޢުލާންކޮށްފި އެވެ.
އެގޮތުން އެ ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު ވަނީ މިހާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ނެރުނު އިޢުލާނާއިއެކު H09 ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރުމަށްފަހު، އެ ކެޓެގަރީއަށް ޝަރުތު ހަމަވާ ފަރާތްތަކާއި، ޝަރުތު ހަމަނުވާ ފަރާތްތަކުގެ (ޝަރުތު ހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ވަގުތީ ލިސްޓުތައް ވަނީ ޝާއިޢުކޮށްފައެވެ. އަދި، އެ ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ވެސް، އެ ކަމުގެ ސަބަބާއިއެކު ވަގުތީ ލިސްޓުގައި ހާމަކޮށްފައިވެއެވެ.
“ހިޔާ” މަޝްރޫޢުގެ H09 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު، 2020 ސެޕްޓެންބަރު 21 ވާ ހޯމަ ދުވަހުން ފެށިގެން 2020 އޮކްޓޫބަރު 04 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އެގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލައްވާފައި ވަނީ މި ލިންކު މެދުވެރިކޮށެވެ.