English Edition
Dhivehi Edition
ލިވަޕޫލަށް ބަދަލުވި ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ. --ފޮޓޯ: ލިވަޕޫލް ޓުވިޓާ

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްގެ ކުޅުންތެރިއެއްގެ ގޮތުގައި ސްޕެއިނުގެ އިތުބާރު މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ މިރޭގެ ވަގުތެއްގައި އެންފީލްޑްގައި ތައާރަފްކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ތިއާގޯ، ލިވަޕޫލާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ބަޔާން މިއުނިކާއެކު އޭނާ އެންމެ ފަހުން ހެދީ ކޮންޓްރެކްޓް ހަމަވާން ބާކީ އެއް އަހަރު އޮއްވާ ލިވަޕޫލަށް ވިއްކާލަން އެއްބަސްވީ ބޯނަހާއެކު 30 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށެވެ.

ލިވަޕޫލްގެ ކުޅުންތެރިއެއްގެ ގޮތުގައި ތިއާގޯ ދައްކާލުމަށް އެންފީލްޑްގައި ބޭއްވި ހަފްލާއަށް ފަހު ވާހަކަދައްކަމުން އޭނާ ބުނީ މިއީ ވަރަށް ކުރިއްސުރެ ހިތުލައިގެން ހުރި ކަމެއް ކަމަށާއި، އެ ކްލަބަށް ބަދަލުވެވުމުން ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ.

ބާސެލޯނާގެ ޔޫތު ޓީމާ 2006 ވަނަ އަހަރު ގުޅުނު ތިއާގޯ ވަނީ 2011 ވަނަ އަހަރު ސީނިއާ ޓީމާ ގުޅުމާ ހަމައަށް ކްލަބުގެ އެކި އުމުރުފުރާތަކުގެ ޓީމުގެ އިތުރުން ބާސެލޯނާގެ ބީ ޓީމަށްވެސް ކުޅެފައެވެ. އެހެންނަމަވެސް، ބާސެލޯނާގެ ސީނިއާ ޓީމުގެ ފުރަތަމަ އެގާރައިގައި އެކަށީގެންވާ ވަރަށް ފުރުޞަތު ނުލިބޭތީވެ، އޭގެ ދެ އަހަރު ފަހުން ބަޔާނަށް ބަދަލުވީ 25 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށެވެ.

ބަޔާންގައި ހޭދަކުރީ އުފާވެރި ދުވަސްތަކުގައި ޖަރުމަން ބުންޑެސްލީގާ ހަތް ފަހަރު ކާމިޔާބުކޮށްފައިވާއިރު، ބާސެލޯނާ އާއެކު ލަލީގާ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވެއެވެ. އަދި މި ދެ ޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލީގާއި ފީފާ ކްލަބު ވޯލްޑްކަޕްގެ އިތުރުން ޔުއެފާ ސުޕަކަޕް ވެސް ދެ ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

މީގެއިތުރުން، އޭނާގެ ކްލަބު ކެރިއަރުގައި ބަޔާން އާއި ބާސެލޯނާ އަށް ކުޅެދިން 300 އަށްވުރެ ގިނަ މެޗުގައި 42 ލަނޑުޖަހައި، އިތުރު 57 ގޯލްޖެހުމަށް އެހީތެރިވެދީފައިވެއެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން މިހާތަނަށްއައިއިރު ސްޕެއިންގެ ގައުމީ ޓީމަށް 39 މެޗު ކުޅެފައިވެއެވެ. ސްޕެއިނުގެ ސީނިއާ ޓީމާއެކު ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން ލިބިފައިނުވީނަމަވެސް، 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ދެ ފަހަރު އަދި 17 އަހަރުން ދަށުގެ ޔޫރޯ ވެސް އެއް ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

ތިއާގޯ އަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ލިވަޕޫލަށް ގެނައި ދެވަނަ ކުޅުންތެރިޔާއެވެ. މީގެކުރީން، އެ ޓީމުން ވަނީ ގްރީސްގެ އޮލިމްޕިއާކޯސްގެ ފުލްބެކް ކޮސްޓާސް ސިމިކާސް ގެނެސްފައެވެ. އަދި ލިވަޕޫލުން މިހާރު ގެނައުމަށް މަސައްކަތްކުރަމުންދަނީ ވުލްވްސްގެ ޕޯޗުގަލް ވިންގާ ޑިއޯގޯ ޔޮޓާ އެވެ.