English Edition
Dhivehi Edition

މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަގު މޫސުމުގެ ވިއްސާރާގައި މުޅި ރާއްޖެއަށްވެސް ބޯކޮށް ވާރޭވެހި އުދަ އަރާފާނެ ކަމަށާއި ބައެއް ހިސާބުތަކަށް ނަގޫރޯޅި އަރާފާނެކަމަށް ލާފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާޒްކޮށްފިއެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް މެޓް އޮފީހުން ބުނެފައިވާ އިރު ފާއިތްވެ ދިޔަ ދެ ދުވަހު ކުރި ވިއްސާރައިގައި ރާއްޖޭގެ އެކި ރަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މޯލްޑިވްސް މީޓުރޮލޮޖިކަލް ސާވިސްގެ ޑައިރެކްޓަރު އަހުމަދު ރަޝީދު މިހާރު ކުރަމުންދާ ވިއްސާރައާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ވިދާޅޫވީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އާންމުކޮށް އުދައިގެ އަސަރު ކުރާ ރަށްރަށަށް އުދަ އަރައިފާނެ ކަމަށާއި އެހެން ނަމަވެސް ނުރައްކާތެރި ވަރުގަދަ އުދައެއް އަރާފާނެ ކަމަށް ނުދައްކާ ކަމަށެވެ. މީގެ އިތުރުން އަހްމަދު ރަޝީދު ވިދާޅުވީ މާދަމާ އިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވަމުން އަންނާނެ ކަމަށްލަފާކުރެވޭ ކަމަށެވެ. މިއަދު ހެނދުނު ދިހައަކުން ފެށިގެން މާދަމާ ހެނދުނު ދިހައަކަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާ އަދި ގުގުރުންވެސް އެކަށީގެންވާކަމަށް މެޓް އޮފީހުންވަނީ ލަފާކޮށްފައެވެ.ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ 7 މެއިލާ 17 މެއިލާ ދެމެދުގެ ބާރުމިނެއްގަ އެވެ.ދެކުނުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭތީ ދަތުރު ފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.