English Edition
Dhivehi Edition
މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ރަސްމާލެ މަޝްރޫއަކީ ކޮންމެހެން ކުރަން މަޖުބޫރު މަޝްރޫއެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރަސްމާލެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދިޔަ ނަމަވެސް، ހުޅުމާލެ ފޭސް 3، ގުޅިފަޅު އަދި ގިރާވަރު ފަޅުގެ މަސައްކަތްތަކަށް ވެސް ހާއްސަ އިސްކަމެއް ދެމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެ ސަރަހައްދުތަކުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ވިއުގަ ގާއިމުކޮށް، ރައްޔިތުންނަށް ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް މިހާރު ދަނީ ކުރިއަށެވެ.

މުސްތަގުބަލުގެ ޕްލޭން:

މިނިސްޓަރު ވިދާޅުވީ ރަސްމާލޭގެ އެންމެ ބޮޑު މަގުސަދަކީ މުސްތަގުބަލަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ 20 އަހަރުގެ ޕްލޭނެއް ކަމަށެވެ.

“ގުޅިފަޅު، ގިރާވަރުފަޅު، ހުޅުމާލެ 3، މި ތަންތަނުގައި މިހާރު ބިމެއް ނެތް އިތުރަށް ދޭކަށް. ގިނަވެގެން ކުރިމަގުގައި ދެވޭނީ 12،000 ފްލެޓް. އެހެންވީމަ ރަސްމާލެއަކީ މުސްތަގުބަލަށް ރިއާޔަތްކޮށް ހިންގަން މަޖުބޫރު މަޝްރޫއެއް،” މުއްތަލިބް ވިދާޅުވި އެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް 2023 ޑިސެމްބަރު މަހު ފެށިފައިވާއިރު، މިހާރު ވެސް 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކާފަ އެވެ. ޖުމްލަ 1،009 ހެކްޓަރުގެ ބިން ހިއްކައި، 65،000 ގެދޮރު ޔަގީންކުރުމަކީ މި ސަރުކާރުގެ މައިގަނޑު އަމާޒެވެ.