English Edition
Dhivehi Edition

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މި ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ 21:38 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއްގެ އިތުރުން 19 އަހަރުގެ ފިރިހެނަކު ކަމަށެވެ.

މީގެ އިތުރުން އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ބަލައިފާސްކޮށްފައިވާއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 42 ދަޅާއި 28 ރަބަރު ޕެކެޓާއި 216 ސެލޯފިންކޮޅާއި ޖޫސް ޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކާއި ދުންފަތް އަޅާފައިވާ ބިޑިއަކާއި މަނާބޭހުގެ 255 ގުޅައާއި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އަދި އެގެއިން 17،150 ރުފިޔާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.