English Edition
Dhivehi Edition
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ. --ފޮޓޯ: ގެޓީ އިމޭޖަސް

މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ދުނިޔޭގައި ހުރި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފުޓްބޯޅަ ކުޅުންތެރިއަކީ ބާސެލޯނާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކަމަށް އެމެރިކާގެ މަޝްހޫރު ވިޔަފާރި މަޖައްލާ ފޯބްސް އިން ބުނެފިއެވެ.

އެގޮތުން، ފޯބްސް އިން ދާދިފަހުން ހާމަކުރި އެންމެފަހުގެ އާމްދަނީއާ ބެހޭ ހިސާބުތަކުން ދައްކާގޮތުގައި، މުސާރަ އާއި އިޝްތިހާރުތަކުން މެސީ އަށް 126 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. މި ލިސްޓުގެ ދެވަނައިގައި އުޅެނީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ އަށް 117 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މި ދެ ކުޅުންތެރިން ކުޅުން ހުއްޓާލާ ދުވަހަކުން އެ މަގާމަށް އައުމުގެ ފުރުޞަތު ބޮޑު ކަމަށް ބެލެވޭ ކިލިއަން އެމްބާޕޭ އަކީ މިހާރު ހަތަރުވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިޔާއެވެ.

ޕެރިހުގެ ފަގީރު ޑިސްޓްރިކްޓެއްކަމަށްވާ ބޮންޑީ އަށް ނިސްބަތްވާ އެމްބާޕޭ އަކީ ފްރާންސްގެ ގައުމީ ޓީމުގެ އިތުރުން އޭނާގެ ކްލަބު ޕީއެސްޖީގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި 145 މިލިއަން ޔޫރޯ (172 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީ އަކަށް 2017 ވަނަ އަހަރު މޮނާކޯ އިން ޕީއެސްޖީ އަށް ބަދަލުވެ އެމްބާޕޭ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިއާއެކު، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހަބްލޮޓް އާއި ނައިކީ ސަމާލުކަން ވަނީ ހޯދާފައެވެ.

މިހާރު އުމުރުން 21 އަހަރުގެ އެމްބާޕޭ އަށް އާމްދަނީގެ ގޮތުގައި 48 މިލިއަން ޑޮލަރު ލިބިފައިވާއިރު، މި ލިސްޓުގެ ތިންވަނައިގައި އޮތީ އޭނާ އާއެކު ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ އެވެ. ނޭމާ އަށް އާމްދަނީގެ ގޮތުގައި 96 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިވަގުތަށް ބަލާއިރު މި ދެ ކުޅުންތެރިންނަށް ލިބޭ އާމްދަނީގައި ބޮޑު ފަރަގެއް ހުރި ނަމަވެސް، ޕީއެސްޖީ އާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވުމުން، ދެން ސޮއިކުރެވޭ އެއްބަސްވުމުގައި ބޮޑު މުސާރަ އާއެކު ބޯނަސް ވެސް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

މީގެއިތުރުން، މިހާރު މުޅި ދުނިޔެއަށް އިގްތިޞާދީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޔޫރަޕްގެ ލީގުތަކުގައި ކުޅޭ ގިނަ ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައިވާއިރު، ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްނުވެ ރަނގަޅުވަމުންދާނަމަ ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ލިސްޓުގެ ގަދަ 10 ގައި ހިމެނޭ ކުޅުންތެރިންނަށް މުސާރަ އާއި ބޯނަހުގެ ގޮތުގައި ކުރިއަށް ސީޒަނުގައި 570 މިލިއަން ޑޮލަރު ލިބޭނެކަމަށް ވެސް ފޯބްސް އިން ބުނެއެވެ.

މިފަހަރުގެ ލިސްޓުގެ ގަދަ 10 ގައި ހިމެނޭ އެފްރިކާ ބައްރަށް ނިސްބަތްވާ ހަމައެކަނި ކުޅުންތެރިއަކީ ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. އެގޮތުން، ލިސްޓުގެ ފަސްވަނައިގައި ހިމެނޭ ސަލާހަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 37 މިލިއަން ޑޮލަރެވެ.

ފޯބްސް އިން ހާމަކުރި އެންމެބޮޑު އާމްދަނީއެއް ލިބޭ ފުޓްބޯޅަ ކުޅުންތެރިންގެ ގަދަ 10:

  1. ލިއޮނަލް މެސީ (ބާސެލޯނާ) – 126 މިލިއަން ޑޮލަރު
  2. ކްރިސްޓިއާނޯ ރޮނާލްޑޯ – (ޔުވެންޓަސް) 117 މިލިއަން ޑޮލަރު
  3. ނޭމާ (ޕީއެސްޖީ) – 96 މިލިއަން ޑޮލަރު
  4. ކިލިއަން އެމްބާޕޭ (ޕީއެސްޖީ) – 48 މިލިއަން ޑޮލަރު
  5. މުހައްމަދު ސަލާހު (ލިވަޕޫލް) – 37 މިލިއަން ޑޮލަރު
  6. ޕައުލް ޕޮގްބާ (މެންޗެސްޓާ ޔުނައިޓެޑް) – 34 މިލިއަން ޑޮލަރު
  7. އެންޓޮއިން ގްރީޒްމަން (ބާސެލޯނާ) – 33 މިލިއަން ޑޮލަރު
  8. ގަރެތު ބޭލް (ރެއާލް މެޑްރިޑް) – 29 މިލިއަން ޑޮލަރު
  9. ރޮބަޓް ލެވަންޑޯސްކީ (ބަޔާން މިއުނިކް) – 28 މިލިއަން ޑޮލަރު
  10. ޑޭވިޑް ޑެ ހެއާ (މެންޗެސްޓާ ޔުނައިޓެޑް) – 27 މިލިއަން ޑޮލަރު